ރައީސް ޔާމީން އަބްދުލް ޤައްޔޫމް
ރައީސް ޔާމީން އަބްދުލް ޤައްޔޫމް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކޮށްލައްވައި ވަޑައިގަތުމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީއަށް ވެވަޑައިގެންނެވި "ބަތާހަރާމީއެއް" ކަމަށާއި، އެއީ ޕާޓީގެ މެންބަރުންނަށް ވެވަޑައިގެންނެވި ހަރާންކޯރުވުމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ޕީޕީއެމްގެ ކުރީގެ ސެނެޓް މެންބަރު މުޙައްމަދު މަލީހް ޖަމާލް އެ ޕާޓީން ވަކިކުރީ ލީޑަރޝިޕަށް ކަންކަން ހަޖަމް ނުކުރެވިގެން ކަމަށާއި، ޕާޓީގެ މެންބަރުންނަށް ނޭނގި ޕީޕީއެމް އުވާލާފައިވާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. މީގެ އިތުރުން ޕީޕީއެމް އުވާލި މައްސަލަ ކޯޓަށް ހުށަހަޅަން ބަޔަކު އުޅޭ ކަމުގެ ވަސް ދުވާކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ޕާޓީ ދޫކޮށް ވަޑައިގަތީ އަމިއްލަފުޅަށް ކަމަށާއި، އެއީ ސީދާ ބަތާހަރާމީވުން ކަމަށެވެ. އަދި މާ މޮޅު ވާހަކަފުޅުތައް ނުދެއްކެވުމަށް ގޮވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކަށް ތެދުބަހުން ޖަވާބު ދޭން ފަށައިފިނަމަ އެމަނިކުފާނުގެ "ލޭމައްޗަށް ދާނެތީ" މިހާތަނަށް މަޑުން ތިބީ ކަމަށެވެ.

"މަނިކުފާނަށް ރައީސް މުޢިއްޒު އިޙްތިރާމް ކުރަން ވިދާޅުވެފަ އޮތީމަ އަޅުގަނޑުމެން މިހާ ދުވަހު މަޑުން ތިބީ. އެކަމަކު މާގިނައިން އިތުރުފުޅު ހައްދަވާތީ މިވާހަކަ މިދަންނަވާލީ." ޝުޖާއު ވިދާޅުވިއެވެ.



މަލީހް ޖަމާލްގެ މައްސަލައާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ، މަލީހް ކަންތައްތައް ހިންގަވާފައިވަނީ ޕާޓީގެ އަސާސީ ޤަވާއިދާ މުޅިން ޚިލާފަށް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ ކަންކަން އޮތްގޮތް އޮޅޭގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ ކޮން އުޞޫލަކުންތޯ ވެސް ޝުޖާއު ސުވާލު އުފެއްދެވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އަމިއްލަފުޅު އާ ޕާޓީއެއް (ޕީއެންއެފް) އުފައްދަވާފައެވެ. މިކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ޔާމީނާ ދެމެދު ވަނީ ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

އޭގެފަހުން ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ވަނީ ޕީޕީއެމްވެސް އުވާލަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު