ހުޅުމާލޭ ދެކުނުދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު-
ހުޅުމާލޭ ދެކުނުދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު-
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ޤާނޫނީގޮތުން މާލެ ސިޓީ ކައުންސިލަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށާއި، އެ ޒިންމާއިން ރެކިގަތުމަށް ބަހަނާ ދެއްކުމަކީ ހައްލެއް ނޫން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހައިރުއާ ބައްދަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ މެންބަރުން ދިޔުމުން، އެ ކުންފުނީގެ ސެކިއުރިޓީން އިއްޔެ ހުރަސްއެޅި މައްސަލާގައި ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ، ޤާނޫނީގޮތުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބާރާއި މަސްއޫލިއްޔަތު މަތިކޮށްފައިވަނީ މާލެ ސިޓީ ކައުންސިލަށް ކަމަށެވެ. އަދި އެޗް.ޑީ.ސީން އެ މަސައްކަތްތައް ރަސްމީކޮށް ހަވާލުކުރާނެ ދުވަހަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި، ޤާނޫނުން ކައުންސިލަށް ލާޒިމްކުރާ ޒިންމާތައް އަދާކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒިންމާއިން ރެކެން ބަހަނާ ދެއްކުމަކީ ހައްލެއްނޫން،" ކައުންސިލްގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ޝަމްހީދު ވިދާޅުވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެކެވެ. ނަމަވެސް، މި ބަދަލު ފުރިހަމައަށް ގެނައުމުގައި އެޗްޑީސީއާއި ސިޓީ ކައުންސިލާ ދެމެދު އިދާރީ ގޮތުން ގިނަ ހުރަސްތަކެއް ހުރިކަން ދެ ފަރާތުގެ ވާހަކަތަކުން ހާމަވެއެވެ.

އިއްޔެ ސިޓީ ކައުންސިލްގެ މެމްބަރުން އެޗްޑީސީއަށް ވަޑައިގަތުމުން ހިނގި ހާދިސާއާ ގުޅިގެން ކައުންސިލުން ބުނެފައިވަނީ، މިއީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް