އާޖެންޓީނާއިން ހޯދި ކާމިޔާބީ ފާހަގަކުރަމުން ދިޔަ ވަގުތު، ބައެއް ކުޅުންތެރިން ވަނީ "ލަސް މަލްވީނަސް ސޮން އާޖެންޓީނަސް" ބެނަރ ދަނޑުމަތީ ދައްކާލާފައި
އާޖެންޓީނާއިން ހޯދި ކާމިޔާބީ ފާހަގަކުރަމުން ދިޔަ ވަގުތު، ބައެއް ކުޅުންތެރިން ވަނީ "ލަސް މަލްވީނަސް ސޮން އާޖެންޓީނަސް" ބެނަރ ދަނޑުމަތީ ދައްކާލާފައި
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް އަތުން އާޖެންޓީނާ ހޯދި މޮޅަށްފަހު، ސިޔާސީ މެސެޖެއް ހިމެނޭ ބެނާއެއް ބޭނުންކުރުމާ ގުޅިގެން އާޖެންޓީނާގެ ޓީމަށް ފީފާއިން ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

ދެ ގޯލު އެއް ގޯލުން އިންގްލެންޑް ބަލިކޮށް އާޖެންޓީނާއިން ހޯދި ކާމިޔާބީ ފާހަގަކުރަމުން ދިޔަ ވަގުތު، އެ ގައުމުގެ ބައެއް ކުޅުންތެރިން ވަނީ "ލަސް މަލްވީނަސް ސޮން އާޖެންޓީނަސް" (މަލްވީނަސް އަކީ އާޖެންޓީނާގެ ތަނެއް) މިހެން ލިޔެފައިވާ ބެނާއެއް ދައްކާފައެވެ. މި ބެނާއިން އިޝާރާތް ކުރަނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ، ނަމަވެސް އާޖެންޓީނާއިން އެ ގައުމުގެ މިލްކެއް ކަމަށް ދައުވާކުރާ ފޯކްލޭންޑް އައިލެންޑްސް (މަލްވީނަސް) އަށެވެ.

ފީފާގެ ގަވާއިދުތައް ބުނާގޮތުން ރަސްމީ މުބާރާތްތަކުގެ ތެރޭގައި ސިޔާސީ، ދީނީ ނުވަތަ ޒާތީ މެސެޖުތައް ފެތުރުމަކީ މަނާކަމެކެވެ. އެހެންކަމުން މި އަމަލާއެކު ގިނަ ބައެއްގެ ފާޑުކިޔުން އާޖެންޓީނާއަށް ވަނީ އަމާޒުވެފައެވެ. އިނގިރޭސި ސިޔާސީ ފަރާތްތަކާއި ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ދަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފީފާއަށް ގޮވާލަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ފުޓްބޯޅައަކީ ސިޔާސީ މައްސަލަތަކާ ދުރުގައި ބާއްވަންޖެހޭ ކުޅިވަރެކެވެ.

ފީފާގެ އަދަބު ދޭ ކޯޑުގެ ދަށުން، ވޯލްޑް ކަޕް މެޗުތަކުގައާއި ރަސްމީ އުފާފާޅުކުރުންތަކުގައި ސިޔާސީ މެސެޖުތައް ބޭނުންކުރުމަކީ ކުޅުންތެރިންނާއި ޓީމުތަކަށް މަނާކަމެކެވެ. މި މައްސަލަ ބެލުމަށްފަހު އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ޖޫރިމަނާ ކުރުމާއި، ކުޅުންތެރިންނަށް ސަސްޕެންޝަން އައުން ފަދަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ފީފާއަށް އޮވެއެވެ. ނަމަވެސް، މިހާތަނަށް ފީފާއިން ރަސްމީކޮށް މައްސަލަ ބަލަން ފެށިކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާއެކު، ފޯކްލޭންޑް އައިލެންޑްސްގެ މިލްކުވެރިކަމާ މެދު އުފެދިފައިވާޒަމާންވީ ބައިނަލްއަގުވާމީ މައްސަލައަށް އަނެއްކާވެސް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ. 19 ވަނަ ގަރުނުން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް މި ރަށްތަކަކީ އާޖެންޓީނާއިން އެ ގައުމުގެ ބައެއް ކަމަށް ވަކާލާތު ކުރަމުންދާ ތަނެކެވެ. މި މައްސަލައިގައި 1982 ވަނަ އަހަރު ދެ ގައުމުގެ މެދުގައި ހަނގުރާމައެއްވެސް ހިނގާފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ އާޖެންޓީނާއިން މުބާރާތުގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވަމުންދާ މުހިންމު ދަނޑިވަޅެއްގައެވެ. މުބާރާތް ނިމުމުގެ ކުރިން ފީފާއިން ފިޔަވަޅެއް އަޅާނެކަން ނުވަތަ ނޫންކަން އަދި ސާފުނުވި ނަމަވެސް، މިއީ މިއަހަރުގެ ވޯލްޑް ކަޕްގައި ދަނޑުން ބޭރުގައި ހިނގި އެންމެ ބޮޑު އެއް ބަހުސަށް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު