ސޯނަމް ވަންގްޗުކް ނިއުދިއްލީގެ ޖަންތަރު މަންތަރުގައި ކުރިއަށްގެންދާ ބަނޑުހައިހޫނުމަކުގެ ހަޅުތާލަށް 20 ދުވަސް ވެއްޖެއެވެ.
ސޯނަމް ވަންގްޗުކް ނިއުދިއްލީގެ ޖަންތަރު މަންތަރުގައި ކުރިއަށްގެންދާ ބަނޑުހައިހޫނުމަކުގެ ހަޅުތާލަށް 20 ދުވަސް ވެއްޖެއެވެ.
މަޝްހޫރު ބޮލީވުޑް ފިލްމު "3 އިޑިއަޓްސް" ގައި އާމިރު ޚާން ކުޅެފައިވާ "ފުންސުކް ވަންގްދޫ" ގެ ކެރެކްޓަރަށް އަސްލަކަށް ބެލި، ތިމާވެށީގެ ހަރަކާތްތެރިޔާ އަދި ތައުލީމީ ނިޒާމް އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ސޯނަމް ވަންގްޗުކް ނިއުދިއްލީގެ ޖަންތަރު މަންތަރުގައި ބަނޑުހައިހޫނުމަކުގެ ހަޅުތާލު ކުރަމުންދާތާ 20 ދުވަސް ވެއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ކެއުމާ ދުރުގައި ހުރުމުގެ ސަބަބުން ސޯނަމްގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދީފައެވެ.

2009 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "3 އިޑިއަޓްސް" ގެ ކެރެކްޓަރަކީ ޚިޔާލީ ސިފަތަކެއް އެކުލެވޭ ރޯލެއް ނަމަވެސް، އެ ކެރެކްޓަރު ބިނާކޮށްފައިވަނީ ލަޑާކްގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށް ސޯނަމް ކުރެއްވި އާދަޔާޚިލާފު މަސައްކަތްތަކުގެ މައްޗަށެވެ.

ވަންގްޗުކް މި ހަޅުތާލުގައި ބައިވެރިވަނީ "ކޮންގްރެސް ޖަނަތަ ޕާޓީ" (ސީ.ޖޭ.ޕީ) އިން އިސްނަގައިގެން މުޅި އިންޑިއާގައި ކުރިއަށްގެންދާ އިހުތިޖާޖެއްގެ ތެރެއިންނެވެ. މި އިހުތިޖާޖުގެ މައިގަނޑު މަގްސަދަކީ ނީޓް އިމްތިހާނުގައި ހިނގާފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމަށް ގޮވާލުމާއި، މަރުކަޒީ ތައުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން އިސްތިއުފާ ދިނުމަށް ބާރުއެޅުމެވެ. މީގެ އިތުރުން ލަޑާކްގެ ތިމާވެށި ހިމާޔަތްކުރުމާއި އެ ސަރަހައްދުގެ ހިންގުމާ ގުޅޭގޮތުން އޭނާ ކުރާ ދިގު މުއްދަތުގެ ކަންބޮޑުވުންތައްވެސް މި ހަރަކާތުގެ ތެރެއިން ދަނީ ފާހަގަކުރަމުންނެވެ.

ސިއްހީ ހާލަތު ގޯސްވަމުންދިޔަ ނަމަވެސް، ހަޅުތާލު ހުއްޓާލުމަށް ވަންގްޗުކް ވަނީ އިންކާރުކޮށްފައެވެ. އޭނާ ހާމަކުރި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު އޮންނަ "ޗަލޯ ސަންސަދު" ކެމްޕޭނުގެ ދަށުން ޕާލަމެންޓަށް ކުރާ މާރޗާ ހަމައަށް މި ހަޅުތާލު ކުރިއަށްގެންދާނެއެވެ. އަދި އޭނާގެ ގާތުގައި ހަޅުތާލު ހުއްޓާލުމަށް އެދުމުގެ ބަދަލުގައި، އާންމު ރައްޔިތުން މި ސުލްހަވެރި ހަރަކާތުގައި ބައިވެރިވުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ދިއްލީ ހައިކޯޓުން މިހާރު ވަނީ ވަންގްޗުކްގެ ސިއްހީ ހާލަތު ގާތުން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. ހަމައެއާއެކު، ސިޔާސީ ލީޑަރުންނާއި، ގާނޫނީ ދާއިރާގެ ބޭފުޅުންނާއި، މަޝްހޫރު ފަރާތްތަކުން ދަނީ އޭނާގެ ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ސަރުކާރުން މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށާއި، ވަންގްޗުކް ހަޅުތާލު ހުއްޓާލުމަށް އިލްތިމާސްކުރަމުންނެވެ.

މި އިހުތިޖާޖަށް މުޅި ގައުމުގެ ސަމާލުކަން ލިބެމުންދާއިރު، އެތައް ހާސް ސަޕޯޓަރުންނެއް ދަނީ އޭނާއަށް ތާއީދުކޮށް އެއްވަމުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި އިންޑިއާގައި އެންމެ ގާތުން ބެލެމުންދާ އެއް މުޒާހަރާއެވެ.



ކިޔުންތެރިންގެ ހިޔާލު