ވިއްސާފައިގައި ޗައިނާގެ ފަރުބަދައެއް ވެއްޓުނު ސަރައްދުގައި ރެސްކިއު ޓީމުތައް ހަރަކާތްތެރިވަނީ،
ވިއްސާފައިގައި ޗައިނާގެ ފަރުބަދައެއް ވެއްޓުނު ސަރައްދުގައި ރެސްކިއު ޓީމުތައް ހަރަކާތްތެރިވަނީ،
ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޗޮންޗިން ސިޓީގެ ވުޖިއާން ކޯރު ސަރަޙައްދަށް ކުރިމަތިވި މޫސުމީ ގޯސް ހާލަތަކާ ގުޅިގެން، އެ ސަރަހައްދުގެ ފަރުބަދައެއްގެ ބައެއް ވެއްޓި ބޮޑު ކާރިސާއެއް ހިނގައިފިއެވެ.

އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި މިހާތަނަށް އަށް މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފަރުބަދައިގެ ބޮޑު ބައެއް ކަނޑައިގެން ގޮސް ވެއްޓުނުއިރު، އެ ސަރަހައްދަކީ ފަރުބަދައިގެ ތިރިން ފެށިގެން މައްޗަށް މީހުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެތަކެއް ބިނާކޮށްފައިވާ ސަރަހައްދެކެވެ. ފަރުބަދަ ވެއްޓުމުގެ ސަބަބުން އެތައް ގެއެއް ބިމާ ހަމަވެ، ގިނަ ބަޔަކު ވަނީ ވެއްޓުނު ފަރުބަދައިގެ ބައިތަކުގެ ދަށުވެފައެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ފަރުބަދައިން ވެއްޓުނު ގަލާއި ފަހުގެ ދަށުވި ކަމަށް ބެލެވޭ 34 މީހަކު އަދިވެސް ނުފެނި ގެއްލިފައިވެއެވެ. މީހުން ސަލާމަތް ކުރުމަށް ކުރިއަށްދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ވަނީ 10 މީހަކު ދިރިތިއްބާ ސަލާމަތް ކުރެވިފައެވެ. ނަމަވެސް، ގިނަ ބަޔަކު ދިރިތިއްބާ ވަޅުލެވިފައިވާ ކަމަށް ބެލެވޭތީ އާއި، ގެއްލިފައިވާ މީހުންގެ އަދަދަށް ބަލައި، މަރުވި މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ޗައިނާ ސަރުކާރުން ވަނީ ވަގުތުން ފިޔަވަޅު އަޅަން ފަށާފައެވެ. އެގޮތުން ދައުލަތުގެ އިންޖިނިއަރިން ސަލާމަތީ ކުންފުނީގެ 110 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ހާއްސަ ޓީމެއް މިހާރު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ޗައިނާގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ބުނެފައިވަނީ، ބިމުގެ ކާރިސާތަކަށް ޚާއްޞަ "ދެވަނަ ދަރަޖައިގެ" ސަލާމަތީ އޮޕަރޭޝަނެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ އިސް އޮފިޝަލެއްގެ ބެއްލެވުމުގެ ދަށުން ހާއްސަ ޓީމެއް އެ ސަރަހައްދަށް ގޮސް، މީހުން ސަލާމަތް ކުރުމުގެ މަސައްކަތާއި ކުއްލި ފިޔަވަޅު އެޅުމުގެ ކަންކަން ގާތުން ބަލަހައްޓަމުންދާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު