އޮޑިޓަރ ޖެނެރަލް
އޮޑިޓަރ ޖެނެރަލް
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ، ސެންޓަ އެންޓަޕްރައިޒަސް އިން ހުށަހަޅާފައިވާ މައްސަލަތަކުގައި ފޭކް ލިޔުންތަކެއް ހިމެނޭތީ، އެކަން އިތުރަށް ބަލައި ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓާ ޖެނެރަލް ލަފާދީފިއެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓު ގައިވާ ގޮތުން، ސެންޓަ އެންޓަޕްރައިޒަސް އިން ވަނީ 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި އިދާރާތަކުން 410 މިލިއަން ރުފިޔާ ހޯދުމަށް ހަ މައްސަލައެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ 2006 އިން 2010 އަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މުދަލުގެ އަގާއި، އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއެވެ.

މި މައްސަލަ ފުރަތަމަ ފާހަގަވީ ހެލްތު މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ މައްސަލައިގައި ހުށަހަޅާފައިވަނީ ފޯޖްކޮށްފައިވާ ސައްހަނޫން ލިޔުންތަކެއްކަން ބަންޑާރަ ނައިބުގެ އޮފީހަށް ފާހަގަކުރެވުމުން، އެކަން އޮޑިޓް އޮފީހަށާއި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އޮޑިޓުން ފާހަގަވި ބައެއް މައިގަނޑު މައްސަލަތައް:

ހެލްތު މިނިސްޓްރީ (ޑީއެމްއެސް): 189 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި މައްސަލައިގައި، 900 ކަޅުހަން ފޯރުކޮށްދިން ކަމަށް ބުނި ނަމަވެސް އެއީ ފިނޭންސުން އިއުލާނުކޮށްފައިވާ މަސައްކަތެއް ނޫނެވެ. އަދި ލިޔުންތަކުގައި ސޮއިކޮށްފައިވާ މުވައްޒަފަކީ ދުވަހަކުވެސް އެ މިނިސްޓްރީގައި މަސައްކަތްކުރި މީހެއް ނޫންކަން ވަނީ އެނގިފައެވެ. މެޑިކަލް އިކުއިޕްމެންޓަށް ހޯދަން އެދިފައިވާ 84 މިލިއަންގެ ތެރެއިން 33 މިލިއަނަކީ އޮޅުވާލައިގެން އުފައްދާފައިވާ މުއާމަލާތްތަކެއް ކަމަށް ބެލެވެއެވެ.

މާލޭ ސިޓީ ކައުންސިލް: 2006 އިން 2010 އަށް ފޯރުކޮށްދިން ހިދުމަތްތަކަށް 169 މިލިއަން ރުފިޔާ ހޯދަން ވަނީ ހުށަހަޅާފައެވެ.

އެންވަޔަރްމެންޓް މިނިސްޓްރީ: 3،627 ކަޅުހަމުގެ އަގަށް 32 މިލިއަން ރުފިޔާ ހޯދަން ހުށަހެޅިއިރު، މީގެ ތެރޭގައި ކުރިން ފައިސާ ދައްކާ ނިމިފައިވާ މުއާމަލާތްތަކަށް އަލުން ފައިސާ ހޯދަން ސައްހަ ނޫން އިންވޮއިސް ހުށަހަޅާފައިވާކަން ވަނީ ފާހަގަވެފައެވެ.

މުހައްމަދު ޖާމިޒާއި އަބްދުﷲ އާރިފް ހިންގާ ސެންޓަ އެންޓަޕްރައިޒަސް އިން އެމްއޭސީއެލް އިން ވެސް 21 މިލިއަން ރުފިޔާ ހޯދަން މައްސަލަ ހުށަހަޅާފައިވެއެވެ.

"ސެންޓަރ އެންޓަރޕްރައިސަސް އިން 2006 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާކަމަށް ބުނާ ބޯފެން ރައްކާކުރާ ކަޅުހަންތަކާއި، މެޑިކަލް އިކުއިޕްމަންޓްގެ އަގަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމަށް ބުނެ ފައިސާ ހޯދުމަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި، ޞައްޙަނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ލިޔެކިއުންތައް ހުރިކަން ފާހަގަކުރެވިފައިވާތީ އާއި، އުފައްދާފައިވާ ޞައްޙަނޫން ލިޔުންތަކެއް ހުށަހަޅައިގެން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްނުދޭ މުދަލާއި ތަކެތީގެ އަގު ހޯދުމަށާއި ދައުލަތުން ފައިސާ ދައްކާފައިވާ މުދަލާއި ތަކެތީގެ އަގު އަލުން ހޯދުމަށް މަސައްކަތް ކުރާކަމަށް ބެލެވޭތީ، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލަތަކާގުޅޭ ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ." އޮޑިޓް ރިޕޯޓްގައި ވެއެވެ.

އޮޑިޓާ ޖެނެރަލް ވަނީ، މިއީ ދައުލަތުން ބޮޑެތި އަދަދުތަކެއް އޮޅުވާލައިގެން ހޯދަން މަސައްކަތް ކުރުން ކަމަށްވާތީ، މި ލިޔުންތަކުގެ ޕޮރެންސިކް ތަހުގީގެއް ހަދައި، މިކަމުގައި ޝާމިލުވާ އެންމެންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދަން ޖެހޭ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު