ފެނަކަ ކޯޕަރޭޝަންގެ އެމްޑީ
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ
ޖެންޑަރ މިނިސްޓްރީގެ "ރިވެލި އެވޯޑު" ހާސިލުކޮށްފައިވާ އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ އަދި ހުނަރުވެރި ޒުވާނަކު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން، ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ހޫނު ރައްދެއް ދެއްވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އެ ޒުވާނާ ވަޒީފާ އަދާކުރަމުން ދިޔައީ ފެނަކައިގެ ރަށު އޮފީހުގައެވެ. ނަމަވެސް، ރަށު ތެރޭގައި ކުރިމަތިވި ބުލީކުރުމުގެ މައްސަލަތަކެއްގެ ސަބަބުން އޭނާގެ ނަފްސާނީ ހާލަތު ގޯސްވެ، އާއިލާއަށް ޖެހުނީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މާލެއަށް ދިރިއުޅުން ބަދަލުކުރާށެވެ.

އާއިލާ މާލެއަށް ބަދަލުވުމާ ގުޅިގެން، ފެނަކައިގެ މާލޭ އޮފީހުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދުމުން އެ ކުންފުނިން ދީފައިވަނީ މާލޭ އޮފީހުގައި ޖާގަ ނެތް ކަމުގެ ބަހަނާއެވެ. އަދި ހަތަރު މަހުގެ މުސާރަ ދިނުމަށްފަހު އެ ޒުވާނާ ވަޒީފާއިން ވަކިވުމަށް ވަނީ އަންގާފައެވެ.





މިކަމާ ގުޅިގެން އިފްހާމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސިޔާސީ ބޭނުންތަކަށް ފެނަކައިން އެތައް ހާސް މުވައްޒަފުންނަކަށް މިދިޔަ އިންތިޚާބުތަކުގައި ވަޒީފާ ދީފައިވާއިރު، މިފަދަ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތެއްގެ ވަޒީފާ، ޖާގަ ނެތް ކަމަށް ބުނެ ބަދަލުކޮށްނުދީ ވަޒީފާއިން ކަނޑައިލުމަކީ ހައިރާންވާންޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބަލަހައްޓަމުންދާ އެ މަންމައަށް ލިބުނު ބޮޑު މާޔޫސްކަމެއް ކަން ފާހަގަކުރައްވައި، ދަރިފުޅު ބިކަވިޔަނުދީ ވަޒީފާގެ ފުރުސަތެއް ހޯދައިދިނުމަށް އެ މަންމަ މިއަދުވެސް ޖެންޑަރ މިނިސްޓްރީގައި އާދޭސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އިހުމާލުނުވެ، އެ ފަރާތަށް އަލުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމަށް އިފްހާމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މި ސަރުކާރުން ބައެއް މީހުންނާ މެދު ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށް ތުހުމަތުކުރެވެމުންދާއިރު، މިދިޔަ ޖުލައި 13 އިން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އަންގާފައެވެ. އޭޕްރީލް މަހުވެސް މިފަދަ އެންގުމެއް އެންގި ނަމަވެސް ސަރުކާރުން އޭރު އެއާ އެއްގޮތަށް އަމަލުނުކޮށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ގިނަ ބަޔަކަށް ސިޔާސީ ގޮތުން އެތައް ވަޒީފާއެއް ދީފައިވެއެވެ.

އިންތިޚާބަށްފަހު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަޒީފާތަކުން ކަނޑަމުންދާ ކަމުގެ ޝަކުާތައްވެސް ވަނީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު