އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީ.ޖޭ.ޕީ) ގެ އިޙްތިޖާޖަށް ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން ފާޅުގައި ތާއީދުކޮށްފިއެވެ.

ސަލްމާން ވަނީ މި ހަރަކާތަކީ އިންޑިއާގެ ތަޢުލީމީ ނިޒާމު އިޞްލާޙުކުރުމަށް ދަރިވަރުން ކުރިއަށްގެންދާ މުހިންމު އަދި ރަނގަޅު މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ބުދަ ދުވަހުގެ ހަވީރު ސަލްމާން ޚާންގެ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި، ޖުލައި 20 ވަނަ ދުވަހު ނިއުދިއްލީގެ 'ޖަންތަރު މަންތަރު' ސަރަޙައްދުގައި ކުރިއަށްދިޔަ "ޖަންތަރު މަންތަރު ޗަލޯ" އިޙްތިޖާޖުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާ މެދު ނުހަނު ބޮޑަށް ހިތާމަކުރާކަން ވަނީ ހާމަކޮށްފައެވެ.

"މިއީ ވަރަށް ސުލްހަވެރި ހަރަކާތެއް. މި ހަރަކާތް ހަމަނުޖެހުމަކަށް ބަދަލުވެގެން ދިއުމުން ވަރަށް ބޮޑަށް ދެރަވެއްޖެ. އަނިޔާވި ދަރިވަރުންނާއި އެކުދިންގެ އާއިލާތަކަށްޓަކައި އަހަރެންގެ ހިތް ހަމްދަރުދީން ފުރިގެންވޭ،" ސަލްމާން ލިޔެފައިވެއެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އިމްތިޙާން ކަރުދާސް ލީކުވުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. އަދި ރަނގަޅު ތަޢުލީމީ ނިޒާމެއް ހޯދުމަށް ގައުމުގެ ކުދިން އެއްގަލަކަށް އަރައި، އެކުދިންގެ މައިންބަފައިން އެކަމަށް ތާއީދުކުރާތީ އުފާކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ދަރިވަރުން ދައްކުވައިދޭ ސާބިތުކަމާއި އިޚްލާޞްތެރިކަމަށް ތައުރީފު ކުރަމުން ސަލްމާން ބުނީ، މި އިޙްތިޖާޖަކީ ކުރިއަށްދާންވީ އެންމެ ރަނގަޅު މަގު ކަމަށާއި، މި ޖީލުގެ ދަރިވަރުން އިންޑިއާ ފަޚުރުވެރިކޮށްދޭނެ ކަމަށެވެ. ނަމަވެސް، މި މައްސަލައަކީ ދަރިވަރުންނާއި ތަޢުލީމީ ނިޒާމާ ދެމެދު އޮތް ކަމެއް ކަމަށްވުމުން، މީގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވެއްދުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

"މިކަމުގެ ހުރިހާ ކުރެޑިޓެއް ލިބެންޖެހޭނީ ދަރިވަރުންނަށް. ސަރުކާރުންވެސް ދަރިވަރުންނަށް ފުރިހަމަ އެއްބާރުލުން ދީ، ތަޢުލީމީ ނިޒާމު ވަރުގަދަ ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް،" ސަލްމާން ބުންޏެވެ. އޭނާގެ އުންމީދަކީ އިންޑިއާއަކީ މުޅި ދުނިޔެއިން މީހުން ކިޔަވަން އަންނަ ވަރުގެ ތަޢުލީމީ މަރުކަޒަކަށް ވެގެންދިއުމެވެ.

ސަލްމާންގެ މި ޕޯސްޓާ ގުޅިގެން ސީ.ޖޭ.ޕީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ. އަދި ސަލްމާންގެ ފޭނުން ވަނީ މިފަދަ މުހިންމު ދަނޑިވަޅެއްގައި އަޑުއުފުލީތީ އޭނާއަށް ޝުކުރު އަދާކޮށް، ބޮލީވުޑްގެ އެހެން ތަރިންވެސް މި މައްސަލައިގައި ވާހަކަދެއްކުމަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު