އިރާންގެ ފޮރިން މިނިސްޓަރ އައްބާސް އަރާޗީ
އިރާންގެ ފޮރިން މިނިސްޓަރ އައްބާސް އަރާޗީ
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވާ ގައުމުތަކަކީ ޝަރުޢީ އަމާޒުތަކެއް ކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ އެގައުމުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. މިއީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދެއްވި އިންޒާރެކެވެ.

އީރާނުގެ އިސް އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

ޚާރިޖީ ވަޒީރު އައްބާސް ވިދާޅުވީ، އެމެރިކާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ، ނުވަތަ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެ ގައުމެއްގެ ވައިގެ ސަރަހައްދާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަދޭ ގައުމުތަކަކީ ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި އެފަދަ ގައުމުތަކާ ދެކޮޅަށް އީރާނުން ރައްދު ހަމަލާ ދީފާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ކުރައްވާފައެވެ.

މި އިންޒާރާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. އެ ސަރަހައްދުގެ ގިނަ ގައުމުތަކަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކަށް ވާއިރު، އެ ގައުމުތަކުން ބޭނުންވަނީ ސަރަހައްދީ ހަމަޖެހުމަށާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާއި ހަކަތަ ފޯރުކޮށްދިނުމަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށެވެ. އެހެންކަމުން، ސަރަހައްދީ ގައުމުތަކުން ދަނީ ދެފަރާތުންވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލަމުންނެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުން މިފަދަ އިންޒާރެއް ދިނީ ބޭރުގެ ބާރުތައް މި މައްސަލައިގެ ތެރެއަށް ވަނުން ހުއްޓުވުމަށެވެ. އަދި ހަނގުރާމައެއް ފެށިއްޖެ ނަމަ، އެއީ ހަމައެކަނި އެމެރިކާއާއި އީރާނާ ދެމެދު އޮންނަ ކުރިމަތިލުމަކަށް ވުރެ ބޮޑަށް، މުޅި ސަރަހައްދަށް ފެތުރިގެންދާނެ ކަމެއްގެ ގޮތުގައި އީރާނުން ދެކޭކަން މިކަމުން ހާމަވެއެވެ.

މި ހާލަތުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ވެސް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ޚާއްޞަކޮށް ދުނިޔޭގެ ހަކަތައިގެ މުހިންމު މަގުތަކުގެ ތެރޭގައި ހިމެނޭ "ސްޓްރެއިޓް އޮފް ހޯރްމުޒް" މެދުވެރިކޮށް ކުރާ ތެލުގެ ވިޔަފާރިއަށް މިކަމުގެ ސަބަބުން އަސަރުކޮށްފާނެތީ އިންވެސްޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަސްރަހު ފިނިކުރުމަށްޓަކައި ޑިޕްލޮމެޓިކް ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް، ދެ ގައުމުގެ އިސްވެރިން އަދިވެސް ތިއްބެވީ އެ ބޭފުޅުންގެ ހަރުކަށި ނިންމެވުންތަކުގެ މަތީގައެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށާއި، އިތުރު ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމަށް ބާރުއަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު