ފޮރިން މިނިސްޓްރީ-
ފޮރިން މިނިސްޓްރީ-
ޔަމަންގެ އާންމުން ހިސާރުކުރާ ކަމަށް ބުނެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް ކުރަމުންދާ ތުހުމަތުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސައުދީ ސަރުކާރާ އެކު ސާބިތުކަމާ އެކު އޮތްކަން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޫތީންގެ ތުހުމަތުތަކާ ގުޅިގެން ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ރައްދު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ޔަމަންގެ ގާނޫނީ ސަރުކާރާއި އދ. އާ ގުޅިގެން، އެ ގައުމުގައި ސުލްހަ ގާއިމުކުރުމަށް ސައުދީން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތްތައް ރާއްޖެއިން ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި މައްސަލަ ހޫނުވެފައިވަނީ ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވާހަކަތަކަކާ ގުޅިގެންނެވެ. ހޫތީން ތުހުމަތުކުރާ ގޮތުގައި ވޭތުވެދިޔަ 12 އަހަރު ސައުދީން ވަނީ ޔަމަންގެ އެއްގަމާއި، ކަނޑާއި، ވައިގެ މަގުތައް ބަންދުކޮށް، އާންމުންގެ މައްޗަށް "އަނިޔާވެރި ހިސާރެއް" ހިންގާފައެވެ. މީގެ އިތުރުން ސައުދީގެ ބަނދަރުތަކަށް ހަމަލާދީ، ތެޔޮ އެކްސްޕޯޓުކުރާ މަގުތައް ބަންދުކުރާނެ ކަމުގެ އިންޒާރުވެސް ހޫތީން ވަނީ ދީފައެވެ.

ނަމަވެސް، ދިވެހި ސަރުކާރުން ފާހަގަކުރި ގޮތުގައި ސައުދީ އަރަބިއްޔާއަކީ ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަމާއި ތަރައްގީގެ މަޝްރޫއުތައް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ގައުމެވެ. ޔަމަންގެ އާންމުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސައުދީން ކުރާ މަސައްކަތް ރާއްޖެއިން ފާހަގަކުރެއެވެ.

ސައުދީ ސަރުކާރުންވެސް ވަނީ ހޫތީންގެ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ. އަދި ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި އަމަންއަމާންކަން ބެލެހެއްޓުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅާނެ ކަމަށް ސައުދީން ވަނީ ކަށަވަރުކޮށްދީފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލަމުން ރާއްޖެއިން ވަނީ، ޔަމަންގެ ސުލްހަވެރިކަމާއި ސަލާމަތާއި ހަމަޖެހުމަށްޓަކައި ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށާއި، ސައުދީ އަރަބިއްޔާއާއެކު އޮތް ގާތް ގުޅުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު