ކ-ވ: ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލް އަދި ރައީސް ޑރ.މުޢިއްޒު
ކ-ވ: ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލް އަދި ރައީސް ޑރ.މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރާއި ބައި ފާއިތުވެގެން ދިޔައިރު، ފުއްދައިނުދެވޭ ގިނަގުނަ ވަޢުދުތަކާއެކު ދައުލަތް 44 ބިލިއަން ރުފިޔާއިން ދަރަނިވެރިކޮށްފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިނަމާލެ ބުރިޖު މަޝްރޫޢާއެކު ގެންގުޅުއްވި ތަޞައްވުރުގެ ފުރިހަމަ ކުރިމަގެކެވެ. އެހެންކަމުން، ހަމައެކަނި ދައުލަތުގެ މީޑިއާތަކުން ވާހަކަދެއްކެވުމުގެ ބަދަލުގައި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑެތި ވަޢުދުތައް އަމަލީ ގޮތުން ފުއްދަވައިދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.





މީގެ އިތުރުން، ރައީސް މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަނޑުއަޑީގެ ޓަނަލް އެޅުމުގެ މަޝްރޫޢު ނިންމެވުމަށާއި، އިންވެސްޓްމަންޓް ބޭންކުގެ މަސައްކަތްތައް ފެއްޓެވުމަށްވެސް ޑރ. ޖަމީލް ބާރުއެޅުއްވިއެވެ. ހަމައެހެންމެ، ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުންތަކުގައި ލިބިވަޑައިގަތް ކަމަށް ވިދާޅުވި 8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތަކުގެ ތަފްޞީލު ރައްޔިތުންނަށް ހާމަކޮށްދެއްވުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓު އިސްރާފުކޮށް، ގައުމުގެ އިޤްތިޞާދު ނާޒުކު ފުން އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށެވެ. އަދި މިފަދަ ބޮޑެތި މައްސަލަތަކަކީ ސަރުކާރަށް ސިއްރުކޮށްގެން ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު