އިންޑިއާގެ ޒުވާނުންގެ މުޒާހަރާ
އިންޑިއާގެ ޒުވާނުންގެ މުޒާހަރާ
އިންޑިއާގެ އިމްތިހާނު ނިޒާމުގައި ހުރި މައްސަލަތަކާ ގުޅިގެން އެ ގައުމުގެ ޒުވާނުން މުޅި ގައުމުގައި ކުރަމުންދިޔަ ވަރުގަދަ މުޒާހަރާތައް، ސަރުކާރުން އެ މީހުންގެ މައިގަނޑު ޑިމާންޑްތަކަށް އެއްބަސްވެ ވެ ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެން ނިންމާލައިފިއެވެ.

މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އާންމުންގެ ހަރަކާތަކަށް މިފަދަ ބޮޑު ދޫދިނުމެއް ދިން ނާދިރު ފަހަރެކެވެ.

މި މުޒާހަރާތައް ފެށިގެން ދިޔައީ އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ކަރުދާސްތައް ލީކުވުމާއި، އިމްތިހާނު ނިޒާމުގައި ހުރި ނޭދެވޭ ގޯސްތަކާ ގުޅިގެންނެވެ.

ހަފްތާތަކަކަށް ދެމިގެންދިޔަ މި ހަރަކާތްތަކުގައި އެތައް ހާސް ދަރިވަރުންނާއި ޒުވާނުން މަގުމައްޗަށް ނުކުމެ، އިމްތިހާނުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށާއި ކަމާބެހޭ ފަރާތްތައް ޒިންމާދާރުކުރުމަށް ގޮވާލާފައިވެއެވެ.

އިންޑިއާގެ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަރިހަށް އިސްތިއުފާގެ ސިޓީ އަރުވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ފަހަކަށް އައިސް ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށާއި، އިސްތިއުފާ ދެއްވީ ދަރިވަރުންނާއި ގައުމުގެ މަތީ މަސްލަހަތަށްޓަކައި ކަމަށެވެ.

މުޒާހަރާތައް ނިންމާލުމަށް ދެފަރާތުން އެއްބަސްވިކަން އިއުލާންކުރީ ނިއު ދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ މަރުކަޒީ ވަޒީރުންނާއި މުޒާހަރާގެ އިސްވެރިން ބައިވެރިވެ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެއްބަސްވެފައިވާކަން ހާމަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު