ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ނޭވީ މަނަވަރު މިރޭ ރަސްމީކޮށް ސިފައިންގެ ޚިދުމަތަށް ނެރެފިއެވެ.

"އިމާދުއްދީން"ގެ ނަމުން ނަންދެވިފައިވާ މި އަސްކަރީ އުޅަނދު ކޮމިޝަންކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ބޭއްވިމި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި، ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ކުރިއަށްގެންދެވި ނަމްބަރު ޝަރަފުވެރިކޮށްދެއްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ، މަނަވަރުގެ ނަން ކަޝްފުކޮށްދެއްވާފައެވެ. މިގޮތުން، މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ އެމަނިކުފާނު ޙަވާލުކޮށްދެއްވިއެވެ. އެއަށްފަހު މަނަވަރުގެ ކުރޫއިން ވަނީ، ކޯސްޓް ގާޑް ނޭވީ މަނަވަރު "ޢިމާދުއްދީން"އަށް އަރާ، ކޮމިޝަންކުރުމުގެ ޑްރިލް ފުރިހަމަކުރައްވާފައެވެ.



މިރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އޮސްޓްރޭލިއާގެ އިސް މަންދޫބުންނާއި، ދެ ޤައުމުގެ އިސް އޮފިޝަލުން ވަނީ "ޢިމާދުއްދީން" މަނަވަރަށް އަރާވަޑައިގެން، މަނަވަރު ބައްލަވާލައްވާފައެވެ. އަދި މަނަވަރު ބައްލަވާލެއްވުމަށްފަހު ނެގި ހަނދާނީ ފޮޓޯފުޅެއްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މިއީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން މުޅިން އަލަށް ބަނދެފައިވާ އުޅަނދެކެވެ.

މި މަނަވަރު އޮޕަރޭޓްކުރުމަށްޓަކައި ދިވެހި ސިފައިން ވަނީ ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ. އަދި އޮސްޓްރޭލިއާއިން ފުރައިގެން 14 ދުވަހުގެ ދިގު ދަތުރަކަށްފަހު ރާއްޖެއަށް މަނަވަރު ގެނެސްފައިވަނީވެސް ދިވެހި ސިފައިން އަމިއްލައަށް އޮޕަރޭޓްކޮށްގެންނެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ސިފައިން ކުރި އެންމެ ދިގު ދަތުރު ކަން ފާހަގަކޮށްލެވެއެެވެ.

މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަކީ ރައީސް މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ. އަދި ދިވެހި ސިފައިންނަކީ ކަނޑުގެ ބާރަކަށް ހެއްދެވުމަށް ރައީސް ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، މީގެ ކުރިން ތުރުކީއިންވެސް އަސްކަރީ މަނަވަރެއް ހޯދާފައިވާކަން ހިލްމީ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު