މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރް.އޭ) ގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތްތައް ފުޅާކުރުމުގެ މަގުސަދުގައި އެ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރުމަށް "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު" އަށް އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ. ސަރުކާރުން މި ގާނޫނަށް ޖުމްލަ 11 އިސްލާހެއް ހުށަހަޅާފައިވާއިރު، މީގެ މައިގަނޑު ބޭނުމަކީ އޮތޯރިޓީގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައިވާ ގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އަދި އެ މެންބަރުންނަކީ ކަނޑައެޅިފައިވާ ވަކި ފަންނީ ދާއިރާތަކަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރާއެކު ބޯޑު މެންބަރުންގެ އަދަދު 7 އަށް އިތުރުކުރުމަށެވެ. މި ބަދަލާއެކު، ޗީފް އެގްޒެކެޓިވް ފިޔަވައި ދެން ތިއްބަވާ ހުރިހާ މެންބަރުންނަކީވެސް ފަންނީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މެންބަރުން އައްޔަންކުރުމުގެ މުއްދަތަށް ބަލާއިރު، މިހާރު ގާނޫނު އޮތްގޮތުން ބޯޑަށް މެންބަރުން އައްޔަންކުރެވެނީ 5 އަހަރުގެ އެއް ދައުރަށެވެ. އެހެންނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، ޗީފް އެގްޒެކެޓިވް ފިޔަވައި ބޯޑުގެ އެހެން މެންބަރުން އެއް ދައުރަށްވުރެ ގިނަ ދައުރަށް އައްޔަންކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެކަމަކު މި ފުރުސަތު ލިބޭނީ މަގާމުން ވަކިކުރާ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށެވެ.

މީގެ އިތުރުން، ބޯޑުގެ ހިންގުމާ ގުޅޭ މުހިންމު އުސޫލުތަކަކަށްވެސް މި އިސްލާހުން ބަދަލު އަންނާނެއެވެ. އެގޮތުން ބޯޑުގެ ޖަލްސާތަކުގެ ކޯރަމް ހަމަވާނެ ގޮތާއި، ބޯޑުން ނިންމާ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓު ނުލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު، މިހާރު ބޯޑުގައި ތިއްބެވި މެންބަރުންގެ އިތުރަށް އައްޔަންކުރަންޖެހޭ މެންބަރުން 30 ދުވަހުގެ ތެރޭގައި އައްޔަންކުރަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް