މަޝްހޫރު ޓްރެވަލް ޔޫޓިއުބަރ "ހްލުން ސޯލޯ"
މަޝްހޫރު ޓްރެވަލް ޔޫޓިއުބަރ "ހްލުން ސޯލޯ"
މަޝްހޫރު ޓްރެވަލް ވްލޮގަރ އާއިލާއަށް ޚަބަރެއް ނުވާތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ފަހުން އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ.

ތައިލެންޑުގެ މަޝްހޫރު ޓްރެވަލް ޔޫޓިއުބަރ "ހްލުން ސޯލޯ" ޖޯޖިއާގެ ވެރިރަށް ތިބިލިސީގެ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އޭނާ މަރުވެފައިވާކަން އެނގުނީ، އާއިލާއާ އެންމެ ފަހުން މުއާމަލާތް ކުރިތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން އެއްވެސް ޚަބަރެއް ނުވެ އޮތުމަށްފަހުއެވެ.

ޖޯޖިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު އޭނާ މަރުވިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މަރުވި ސީދާ ސަބަބު އަދި މިހާތަނަށް ސާފުވެފައި ނުވާތީ، ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އުމުރުން 27 އަހަރުގެ ބޮވޮރަންތަތު ޕެންގްސުކް، ނުވަތަ އާންމު ނަމުން ނަމަ "ހްލުން ސޯލޯ" ޖޯޖިއާއަށް ދިޔައީ މި މަހުގެ ކުރީކޮޅުގައެވެ. އެއީ އޭނާގެ މަގުބޫލު "ސޯލޯ ބަޖެޓް ޓްރެވަލް" ސީރީޒްގެ ވީޑިއޯތަކަށް ބޭނުންވާ މައުލޫމާތާއި މަންޒަރުތައް ނެގުމުގެ ބޭނުމުގައެވެ. އޭނާއަކީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ. އެގޮތުން އޭނާގެ ފޭސްބުކް ޕޭޖުގައި 2.5 މިލިއަން ފޮލޯވަރުން ތިބިއިރު، ޔޫޓިއުބް ޗެނަލަށް 950,000 އަށްވުރެ ގިނަ މީހުން ސަބްސްކްރައިބް ކޮށްފައިވެއެވެ.

ބޮވޮރަންތަތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ ބެލުމަށް އޭނާގެ ކޮއްކޮ ވަނީ މިދިޔަ އަންގާރަ ދުވަހު އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އާއިލާއިން ހާމަކުރި ގޮތުގައި، އޭނާއާ އެންމެ ފަހުން ގުޅުނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފޯނުން ނުވަތަ މުއާމަލާތް ކުރާ އެހެން އެއްވެސް ވަސީލަތަކުން އޭނާއާ ގުޅޭގޮތް ވަނީ މުޅިން މެދުކެނޑިފައެވެ.



ކިޔުންތެރިންގެ ހިޔާލު