އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލީ ވިޔަފާރި ކުންފުނި، ޓްރަމްޕް އޯގަނައިޒޭޝަންގެ ބޭންކް އެކައުންޓްތައް މީގެ އަހަރުތަކެއް ކުރިން ބަންދުކުރީ މަނީ ލޯންޑަރިންގއާ ގުޅޭ ތަހުގީގަކަށް ފަހު ކަމަށް ކެޕިޓަލް ވަން ބޭންކުން ހާމަކޮށްފިއެވެ.

މިއީ ޓްރަމްޕްގެ ވިޔަފާރިއާ މަނީ ލޯންޑަރިންގގެ ކަންބޮޑުވުންތަކާ ރަސްމީކޮށް ބޭންކަކުން ގުޅުވި ފުރަތަމަ ފަހަރެވެ.

ކެޕިޓަލް ވަން އިން މިކަން ހާމަކޮށްފައިވަނީ، ސިޔާސީ ސަބަބުތަކަށްޓަކައި ބޭންކުން ހިދުމަތް ކަނޑާލި ކަމަށް ބުނެ ޓްރަމްޕް އޯގަނައިޒޭޝަނުން ހުށަހަޅާފައިވާ ދައުވާއަކަށް ރައްދު ދެމުންނެވެ. ބޭންކުން ކޯޓުގައި ބުނެފައިވަނީ، 300 އަށްވުރެ ގިނަ އެކައުންޓް ބަންދުކުރަން ނިންމީ މަސްތަކެއް ވަންދެން ކުރި ފަންނީ ދިރާސާތަކަކަށް ފަހު، ބޭންކުގެ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ޓްރަމްޕް އޯގަނައިޒޭޝަނާއި ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕް 2025 ވަނަ އަހަރު ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، ބޭންކުން އެކައުންޓްތައް ބަންދުކުރީ ސިޔާސީ ގޮތުން ވަކި ފިކުރަކަށް ތާއީދުކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް، ކެޕިޓަލް ވަން އިން ބުނަނީ ޓްރަމްޕްގެ ފަރާތުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެކައުންޓްތަކުން ފެނުނު މުއާމަލާތްތަކަކީ ފެޑަރަލް ބޭންކިންގ އިދާރާތަކުން ސަމާލުވާންޖެހޭ ފަދަ މުއާމަލާތްތަކެއް ކަމަށެވެ.

ފްލޮރިޑާގެ ފެޑަރަލް ކޯޓުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި މައްސަލަ ބޭރުކޮށްލާފައިވީ ނަމަވެސް، މައްސަލަ އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު ދައުވާކުރާ ފަރާތަށް ވަނީ ދީފައެވެ. ބޭންކުން ބުނާ ގޮތުގައި އެންމެ ފަހުން ހުށަހެޅި މައްސަލައިގައި ވެސް ކުރީގެ މައްސަލަތަކުގައި ހުރި އުނިކަންތައްތައް އެބަހުއްޓެވެ.

ޓްރަމްޕްގެ ދެވަނަ ދައުރު ފެށުނު ފަހުން، ސިޔާސީ ސަބަބުތަކަށްޓަކައި ބޭންކުތަކުން ހިދުމަތް ކަނޑާލުމާ ދެކޮޅަށް އޭނާގެ ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، 2025 ވަނަ އަހަރުގެ އޯގަސްޓް މަހު ޓްރަމްޕް ވަނީ ބޭންކުތަކުން ތަފާތުކުރުންތައް ގެންގުޅުން މަނާކުރާ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފައެވެ. އަދި މިފަދަ ސަބަބުތަކާ ހުރެ ޖޭޕީމޯގަން ޗޭސް ބޭންކާ ދެކޮޅަށް ވެސް ޓްރަމްޕް ވަނީ ދައުވާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު