2019 ވަނަ އަހަރުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހަކު މަރާލުމަށްފަހު ފީފާއަކަށްލައި ސިމެންތި އަޅައި ފޮރުވާފައިވަނިކޮށް، ހަ އަހަރު ފަހުން އެ މައްސަލައިގެ ހަގީގަތް ހާމަވެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެސްފިއެވެ.

މި މަރުގެ ހަގީގަތް ހާމަވީ 2025 ވަނަ އަހަރުގެ ޖުލައި މަހު، ޑިޓެކްޓިވް ކޮންސްޓަބަލް ޓޮމް ރަޔަންއަށް ފެނުނު ބާ ދަނގަޑު ޓްރެއިލަރަކާ ބެހޭ ޑައިރީ ނޯޓެއްގެ އެހީގައެވެ.

އުމުރުން 55 އަހަރުގެ ރިޗަޑް ޑައިސަން ގެއްލިފައިވަނީ 17 ނޮވެމްބަރު 2019 ގައެވެ. އޭނާ ގެއްލިގެން ރިޕޯޓްކުރީ އޭނާގެ 19 އަހަރުގެ ދަރިފުޅު ބެތަނީއާ ބައްދަލުކުރަން ނައުމުން އޭގެ އަށް ދުވަސް ފަހުންނެވެ. ތަހުގީގު ކުރި އޮފިސަރު ރަޔަން ފާހަގަކުރި ގޮތުގައި، ރިޗަޑަކީ އޭނާގެ ދަރިފުޅާ ގަވާއިދުން ގުޅުން ބާއްވާ، ވަރަށް އޯގާތެރި ބަފައެކެވެ. އެހެންކަމުން އޭނާ ޚަބަރެއް ނުވެ މިހާ ދުވަސްވުމަކީ އޭނާގެ އާދައާ މުޅިން ޚިލާފު ކަމެކެވެ.

ގެއްލުނުއިރު ރިޗަޑް ދިރިއުޅެމުންދިޔައީ ކްރިސްޓޮފާ ރައިޓް ނަމަކަށް ކިޔާ މީހެއްގެ ފާމެއްގައި އޮތް އޭނާގެ ކާރުގައެވެ. އޭނާ ދިޔައީ އެ ފާމްގެ ކުދިކުދި މަސައްކަތްތަކުގައި އެހީތެރިވަމުންނެވެ. ފުލުހުން އެ ފާމް އެތައް ފަހަރަކު ބަލައި ފާސްކުރިއިރުވެސް ރިޗަޑްގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ފޯނުގެ ސިގްނަލްތަކުން އެނގުނު ގޮތުގައި އޭނާ އެ ފާމުން ބޭރަށް ގޮސްފައެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ދުވަހުން ފެށިގެންވެސް ތުހުމަތުކުރީ ރައިޓް (73 އަހަރު) އާއި އޭނާގެ ކުޑައިރުގެ ރަހުމަތްތެރިޔާ ކާލް ޝްވެލްބޭ (72 އަހަރު) އަށެވެ. ނަމަވެސް ހަށިގަނޑު ނުފެންނާތީ މަރުގެ ކުށް ސާބިތުކުރުމަށް އުނދަގޫވިއެވެ.

ހަ އަހަރު ފަހުން ޑިޓެކްޓިވް ރަޔަން ފޯނު ރެކޯޑްތައް އަލުން ބަލަމުން ދަނިކޮށް، 20 ނޮވެމްބަރު 2019 ގައި ރައިޓް، އިއަން އޮލެރެންޝޯ ކިޔާ ދަނޑުވެރިއަކަށް ކުރި ފޯނު ކޯލެއް ފާހަގަކުރެވުނެވެ. ރަޔަން އެ ދަނޑުވެރިޔާއާ ބައްދަލުކުރުމުން، އޭނާގެ އަތުގައި އޮތް 2019 ވަނަ އަހަރުގެ ލެދަރ ޑައިރީއެއް ދެއްކިއެވެ. އެ ޑައިރީގައި ރައިޓް އެ ދުވަހު ބާ ޓްރެއިލަރެއް ބަހައްޓަން އައިކަން ވަނީ ނޯޓުކޮށްފައެވެ. އެ ޓްރެއިލަރު ހުރީ އިއަންގެ ދަނޑުގެ ކަނެއްގައި ގަސްތަކުން ފޮރުވިފައެވެ. އޭގެ އެތެރޭގައި ހުރި ކުނިތަކުގެ ތެރެއިން ނޫކުލައިގެ ފީފާއެއް ފެނުނެވެ.

އެ ފީފާ އޮތީ ސިމެންތި އަޅައި ފުރާލާފައެވެ. ނަމަވެސް އޭގެ މަތިން އިންސާނެއްގެ ކަށިތަކެއް ފެންނަން ހުއްޓެވެ. ޕޯސްޓްމޯޓަމް ތަހުގީގުން އެނގުނު ގޮތުގައި އެއީ ރިޗަޑްގެ ކަށިތަކެވެ. އޭނާ މަރާލާފައިވަނީ ބަޑިން ހަމަލާދީގެންނެވެ. އޭގެ ފަހުން ހަށިގަނޑު ބައިބައިކޮށް، ފީފާއަށް ލައި ސިމެންތި އެޅީއެވެ. ފީފާގެ ތެރެއިން ގާތިލު ރައިޓްގެ އައިޑީ ކާޑެއްވެސް ފެނުނެވެ.

2025 ވަނަ އަހަރު ފުލުހުން ރައިޓްގެ ގެ އަލުން ބަލައި ފާސްކުރިއިރު، އެތަނުން ފެނުނު ތަކެތީގެ ސަބަބުން ފުލުހުން ސިއްސައިގެން ދިޔައެވެ. އެތަނުން އެތައް ބަޑިއަކާއި، ވަޒަންތަކާއި، ކަނޑިތަކާއި، 40 އެއްހާ ކޯރާޑީއާއި، ދަންޖައްސާ މަޅި ނުވަތަ ޓްރިޕްވައިަރުތައް ފެނުނެވެ. ރަޔަން ބުނި ގޮތުގައި އެއީ ލަޝްކަރެއް ހަތިޔާރު އެޅުވޭހާ ގިނަ ތަކެއްޗެވެ.

ޝަރީއަތުގައި ހާމަވި ގޮތުގައި، ރިޗަޑް ގެއްލުނުތާ ތިން ދުވަސް ފަހުން ރައިޓް ވަނީ ސިމެންތި ގަންނަން ގޮސްފައެވެ. އަދި ފުލުހުން ސިއްރުން ރެކޯޑްކުރި އަޑުތަކެއްގައި، ރައިޓް އޭނާގެ ރަހުމަތްތެރިޔާ ޝްވެލްބޭއަށް މިކަމުގެ ތެރެއަށް އޭނާ ވެއްދުމުން މާފަށް އެދި، އޭނާ ކުރި ކަމަކީ "ސަލާމަތްވުމަށް ކުރަންޖެހުނު ކަމެއް" ކަމަށާއި ފުލުހުންނަށް އޭނާގެ ހަތިޔާރުތައް ނުފެނުމަށް އެދި ދުއާކުރާ އަޑު އިވެއެވެ.

ޝެފީލްޑް ކްރައުން ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރިޗަޑް މަރާލިކަމުގެ ކުށުގައި ރައިޓް 35 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އިންސާފަށް ހުރަސްއެޅިކަމުގެ ކުށުގައި ޝްވެލްބޭ 3 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، ހަ އަހަރު ވަންދެން އިންތިޒާރުގައި ތިބި ރިޗަޑްގެ އާއިލާއަށް ވަނީ އިންސާފު ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް