އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަން ގެއްލިފައިވާ 'ފިނޑި' މެމްބަރުންތަކެއް ކަމަށާއި، ސަރުކާރަށް ފާޑުކިޔާނެ ހިތްވަރެއް މެމްބަރުންގެ ކިބައިގައި ނެތްކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަރުގަދަ ބަހުގެ ހަމަލާތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ، ދައުލަތުގެ އެންމެ އިސް މުއައްސަސާގެ ގޮތުގައި އޮންނަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހާލަތަކީ "ގަޓު" ހުރި އެއްވެސް މެންބަރަކު ފެންނަން ނެތުން ކަމަށެވެ. މެންބަރުންގެ "ތަޅުދަނޑި" އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައި ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، މެންބަރުންނަށް ވާހަކަދެއްކެނީވެސް އަދި އަމަލުކުރެވެނީވެސް ސަރުކާރުން ކަނޑައަޅާ ވަކި އިމެއްގެ ތެރޭގައި ކަމަށެވެ.

ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީން 93 މެންބަރުންނަށް ބާރު ދީފައިވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށެވެ. ނަމަވެސް، މިހާރު ފެންނަނީ ވަކިވަކި މެންބަރުން ސަރުކާރުގެ ނުފޫޒުގެ ދަށަށް ގޮސް، ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަންޖެހޭ "ޗެކް އެންޑް ބެލެންސް" ނުވަތަ ފާރަވެރިވުމުގެ ނިޒާމު މުޅިން ހުއްޓިފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ އޮތްއިރު އަމަލުކުރި ގޮތަށް އިޝާރާތް ކުރައްވަމުން ފައްޔާޒް ވިދާޅުވީ، އޭރު ސަރުކާރަށް ތާއީދު އޮތް ނަމަވެސް، މަޖިލިސް ތަޅުމުގައި ވަޒީރުންނާ ދެކޮޅަށް ހަރުކަށި އިބާރާތުން ވާހަކަދައްކައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހިތްވަރު މެންބަރުންގެ ކިބައިގައި ހުރި ކަމަށެވެ. އެކަމަކު މިހާރުގެ މަޖިލީހުން ރައްޔިތުންގެ އަސްލު މައްސަލަތަކާ ގުޅޭ ބަހުސެއް ނުފެންނަ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ސިޔާސީ މަގާމުތަކަށް އަންނަ މީހުން ޑިމޮކްރެސީ ނެގެހެއްޓުމަށް ގާނޫނީ ގޮތުން ހުވައެއް ކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ޑިމޮކްރެސީއާ ދެކޮޅަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު