ރައީސް ޔާމީން
ރައީސް ޔާމީން
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަހަތްޕުޅަށް ވަޑައިގެންފިނަމަ އެކަމަށް މަރުޙަބާ ކިޔާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށާއި، ރައީސް މުޢިއްޒު އެކަމަށް ހުރަސްނާޅުއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމަނިކުފާނަށް ދިން ފަދަ ބޮޑު އަނިޔާއެއް ދެއްވަން ރައީސް މުޢިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"މުޢިއްޒު ކުރައްވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ މިހެން މި ދެންނެވީ. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ އިރާދަކުރެއްވިއްޔާ ހަމަ 2028 ގައި ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ ކަމަށް،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒާ މެދު އެމަނިކުފާނުގެ އެއްވެސް ޒާތީ ރުޅިވެރިކަމެއް ނެތެވެ. އެމަނިކުފާނުގެ ރުޅިވެރިކަން އޮތީ ހަމައެކަނި ރައީސް ޞާލިޙާމެދު ކަމަށާއި، އެއީ އެމަނިކުފާނުގެ ދެވަނަ ދައުރެއް ކަށަވަރުކުރެއްވުމުގެ ބޭނުމުގައި ނުޙައްޤުން ޔާމީން ޖަލަށް ލުމުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަނީ ޒާތީވެގެން ނޫން ކަމަށާއި، އެއީ ސިޔާސަތުތަކާ މެދު ހުރި ޚިޔާލުތަފާތު

ވުންތަކެއްގެ ސަބަބުން ކުރައްވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު އެމަނިކުފާނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ނިންމަވައިފިނަމަ، އެ ފުރުޞަތު އޮތްކަން ޔާމީން ވަނީ ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު