ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް
ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އިދާރީ ހުރަސްތަކެއް ނެތި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިމާއި ފަޅުތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފުރިހަމައަށް ތާއީދުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މި ބިލާ ގުޅޭގޮތުން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ، ބައެއް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ތަރައްޤީގެ މަސައްކަތްތައް މަޑުޖެހެމުންދާ ދިއުމަށް މި ބަދަލުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށްޓަކައި ކައުންސިލެއްގެ ބެލުމުގެ ދަށުގައިވާ ބިމެއް ނުވަތަ ފަޅެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެލްޖީއޭ މެދުވެރިކޮށް އެކަން އަންގައިފިނަމަ، އެ ތަނެއް ކައުންސިލްގެ އިޚްތިޞާޞުން އުނިވެ ދައުލަތުގެ ބާރުގެ ދަށަށް ބަދަލުވާނެއެވެ. މީގެ އިތުރުން، ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްވެފައި ނެތް ކަމުގައި ވީނަމަވެސް، ސަރުކާރުގެ މަޝްރޫޢަކަށް ބިން ބޭނުންވެގެން އެދުމުން އެ ބިމެއް ހަވާލުކުރުން މި އިޞްލާޙުން ލާޒިމުކުރެއެވެ.

ހަމައެއާއެކު، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ހުރަސްއެޅޭ ފަދަ ނިންމުންތައް ނިންމުމާއި، މަޝްރޫޢުތައް ލަސްވެދާނެ ފަދަ ޤަރާރުތައް ފާސްކުރުން ކައުންސިލްތަކަށް މި ބަދަލާއެކު މަނާވާނެއެވެ. ސަރުކާރުން ސިފަކުރާ ގޮތުގައި މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއް ނެތި، ސީދާ ދައުލަތުގެ ބެލުމުގެ ދަށުން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު