ޕީއެންްއެފްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް-
ޕީއެންްއެފްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް-
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި، މީޑިއާތަކަށް ދެވޭ ފައިސާގެ އަދަދު އިތުރުކުރުން މާ ހައްގުކަން ބޮޑު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން ޕާޓީތަކަށް ދޭ ފައިސާގެ ބަދަލުގައި، މީޑިއާތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރުކުރުމަކީ މާ ބުއްދިވެރި އަދި މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީޑިއާތަކަށް ދައުލަތުން ދޭ ފައިސާއަކީ ސަރުކާރުގެ ހެޔޮފުޅުކަމުން ދޭ އެއްޗެއްގެ ގޮތުގައި ދެކެން ނުޖެހޭނެ ކަމަށް ވިދާޅުވަމުން ޔާމީން ފާހަގަކުރެއްވީ، އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ދިނުމަށް ނިންމާފައިވާ ފައިސާއެއް ކަމަށެވެ.

އަދި މި ފައިސާއާ ހުރެ މީޑިއާތަކުގެ މިނިވަންކަން ކޮމްޕްރޮމައިޒްވެ، ސަރުކާރަށް ދޫދޭ ނަމަ އެއީ ހިތާމަހުރި ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، މިހާރު ފެންނަނީ ނޫސްވެރިކަން ވަކި ފަރާތަކަށް ޖެހި، ސަރުކާރަށް ސަނާކިޔުން އިސްކުރާ މަންޒަރު ކަމަށެވެ.

ނޫސްވެރިން ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ނަމަ މިފަދަ ނުބައްދަލުކަމެއް ނުފެންނާނެ ކަމަށާއި، މިނިވަން ނޫސްވެރިކަން ވެސް ވަކި ހުދޫދެއްގެ ތެރޭގައި ހިފަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ޝާއިޢުކުރާ ޚަބަރުތަކަކީ ސާބިތު ހިފޭ ތެދު މަޢުލޫމާތަށް ވާންޖެހޭނެ ކަމަށާއި، އެކަން ނުކުރެވޭ ނަމަ ޚަބަރުގެ ގޮތުގައި ލިޔުމުގެ ބަދަލުގައި އެއީ ޚިޔާލީ ވާހަކަތަކެއްގެ ގޮތުގައި ހާމަކުރުން މާ ރަނގަޅުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލު ސަރުކާރުން އެކުލަވާލައި އާންމުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ މީޑިއާތަކަށް ހަމަޖައްސައިދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު