އެމްޑީޕީގެ މުޒާހަރާއަށް ތައްޔާރުވުން-
އެމްޑީޕީގެ މުޒާހަރާއަށް ތައްޔާރުވުން-
ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވަމުންދާތީ، އާންމުންގެ ހުރި ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ބާއްވާ "ދަތިވެއްޖެ" ހަރަކާތަކީ އާދައިގެ ހިނގާލުމެއް ނޫން ކަމަށާއި، އެއީ ވަރުގަދަ މުޒާހަރާއެއް ކަމަށް މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މާލޭގެ ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.

މި ހަރަކާތާ ގުޅޭގޮތުން ފުލުހުންނާ ބައްދަލު ކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން، އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަންވަރު ވިދާޅުވީ، މިއީ އަހަރީ ދުވަހެއް ފާހަގަކުރުމަށް ބާއްވާ ހިނގާލުމެއް ނުވަތަ ހަވީރު ފިންޏަށް ބޭރަށް ނުކުމެލުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ހަވީރު ފިންޏަށް ހިނގާލާކަށް ނޫން، އަޅުގަނޑުމެން މިދަނީ މުޒާހަރާއަކަށް. އަޅުގަނޑުމެންގެ އަޑު އިއްވާނަން." އަންވަރު ވިދާޅުވިއެވެ.

ހަމައެއާއެކު އަންވަރު ވިދާޅުވީ، މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައިވަނީ ސީދާ މަޖީދީމަގުގައި ކަމަށެވެ. އަދި ބޭރު މަގުގައި (ރިންގް ރޯޑް) މުޒާހަރާ ކުރުމުން އާންމުންނަށް އަޑު ނީވޭ ކަމަށާއި، މަޖީދީމަގު އިޚްތިޔާރު ކުރީ ވީހާވެސް ގިނަ ބަޔަކަށް ރައްޔިތުންގެ ކަންބޮޑުވުންތައް އިއްވުމަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން ރަސްމީ ޖަވާބެއް އަދި ނުލިބުނު ނަމަވެސް، އުންމީދީ އިޝާރާތެއް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މި މުޒާހަރާ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ ބުދަ ދުވަހުގެރޭ ނަމަވެސް، ސަބަބެއް ހާމަކުރުމެއް ނެތި ވަނީ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކޮށްފައެވެ.

އެމްޑީޕީގެ މަގުމަތީ ސިޔާސީ ހަރަކާތްތަކަށް މެދުކެނޑުމެއް އައުމަށްފަހު، އެމްޑީޕީން އަލުން މަގުމަތީ ހަރަކާތްތަކަށް ނުކުމެފައިވާއިރު، ވީހާވެސް ގިނަ ރައްޔިތުން މި މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު