ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމުގެ ރޫހާ ޚިލާފު އިސްލާޙުތަކެއް ކަމަށް ބުނެ، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައެޅުމަށް ސޮއި ހޯދަން ފަށައިފިއެވެ.

މި ޕެޓިޝަނަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ސްޕޮންސާކޮށް ހުށަހަޅާފައިވާ، ބިލާއި ދެކޮޅަށް ހުށައެޅުމަށް ތައްޔާރު ކުރަމުންދާ ޕެޓިޝަނެކެވެ. މި ޕެޓިޝަންގައި މިހާތަނަށް 74 މީހުން ވަނީ ސޮއިކޮށްފައެވެ.

ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ބުނެފައިވަނީ، މި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑިގެންދާނެ ކަމަށެވެ. އަދި އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ނުވަތަ ސަރުކާރުގެ މަރުކަޒީ އިދާރާތަކަށް ލިބިގެންދާ ގޮތަށް އޮތުމަކީ ލާމަރުކަޒީ ނިޒާމު ބަލިކަށިވާނެ ކަމެއްގެ ގޮތުގައި ޕެޓިޝަނުގައި ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން، ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި އިސްލާހުގެ ދަށުން ފަހިވެގެންދާނެ ކަމުގެ ކަންބޮޑުވުން ޕެޓިޝަންގައި ފާޅުކޮށްފައިވެއެވެ. މިއީ ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމަށް އޮތް ހައްގު ހަނިވެ، ބާރުތައް އެއްކުރެވޭނެ ކަމެއް ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

ހަމައެއާއެކު ޕެޓިޝަންގައި ބަޔާންކޮށްފައިވަނީ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ރައްޔިތުންގެ ބާރު ހަނިކުރާ ގޮތަށް ހުށަހަޅާފައިވާ މި ބިލަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ލާމަރުކަޒީ އުސޫލުތަކާ ބީރައްޓެހި ބިލެއް ކަމަށެވެ. އެހެންކަމުން، މި ބިލު މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށާއި ކަމާބެހޭ ފަރާތްތަކަށް މި ޕެޓިޝަން މެދުވެރިކޮށް ވަނީ ގޮވާލާފައެވެ.

ހަންނާނު ހުށައެޅުއްވި ބިލުގައި ވަނީ، ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިޚްތިޞާޞުން ވަކިކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމިދާނެ ކަމަށެވެ.

"މިފަދައިން މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ޤައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެއެވެ. އަދި، މިގޮތުން ވަކިކުރެވޭ ތަންތަނުގެ މަޢުލޫމާތު، ޤައުމީ އިދާރާއިން ޢާންމުކުރަންވާނެއެވެ." ބިލުގައިވެއެވެ.

އޭގެއިތުރުން ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި، އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، ޢަމަލުކުރުމަށް ފެށުމުގެ ކުރިންވެސް، ސަރުކާރުން މަޝްރޫޢެއް ހިންގުމަށް ބިން ހޯދަން އެދިއްޖެ ނަމަ ކައުންސިލުން ޤައުމީ އިދާރާއަށް ބިން ޙަވާލުކުރަން ވާނެކަމަށް ބިލުގައިވެއެވެ.

އޭގެއިތުރުން ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކަށް މަޤުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ޢަމަލު ކޮށްފިނަމަ ނުވަތަ އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމާ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަށްވެސް ބިލުގައި ހުށައަޅާފައިވެއެވެ.

ހަންނާނުގެ މި ބިލާއި ދެކޮޅަށް ތައްޔާރު ކުރަމުންދާ ޕެޓިޝަނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު ސަރުކާރުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު