ފުލުހުން އަތުލައިގެންފައިވާ ޑޮލަރުތަކެއް
ފުލުހުން އަތުލައިގެންފައިވާ ޑޮލަރުތަކެއް
ރާއްޖޭގެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރު ވިއްކާ އަގު ފުރަތަމަ ފަހަރަށް 22.10 ރުފިޔާއަށް އަރައިފިއެވެ.

ފާއިތުވި ދެ އަހަރާ ބައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑޮލަރެއްގެ އަގު 17 ރުފިޔާއިން ފެށިގެން މެދުނުކެނޑި އުފުލެމުން ގޮސް، މިހާރު މިވަނީ ޑޮލަރު ވިއްކާ އަގު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ. ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައި އޮންނަ ޑޮލަރުގެ ރަސްމީ އެކްސްޗޭންޖު ރޭޓަކީ 15.42 ރުފިޔާ ނަމަވެސް، މަނީ އެކްސްޗޭންޖުތަކާއި ކަޅު ބާޒާރުގައި މިއަދު ޑޮލަރެއް ވިއްކާ އަގު އުޅެނީ 22.10 ރުފިޔާގައެވެ. އަދި ޑޮލަރެއް ގަންނަ އަގު މިހާރު ހުރީ 21.85 ރުފިޔާގައެވެ.

ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ، ބާޒާރުގައި ދައުރުވާ ރުފިޔާ މަދުކޮށް، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން ބޭންކުތަކުން އެމްއެމްއޭގައި ބެހެއްޓުން ލާޒިމުވާ ދިވެހިރުފިޔާގެ މިނިމަމް ރިޒާވް ރިކުއަޔަމެންޓް (އެމްއާރުއާރު) 10.5 އިންސައްތައިން 11.0 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ނިންމައިފައެވެ. މި ބަދަލަށް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

މީގެ އިތުރުން، 2027 ވަނަ އަހަރުގެ ނިޔަލަށް މަރުހަލާތަކަކަށް ބަހާލައިގެން އެމްއާރުއާރު 13 އިންސައްތަ އާ ހަމައަށް އުފުލުމަށް ވެސް އެމްއެމްއޭގެ ބޯޑުން ވަނީ ނިންމާފައެވެ. މި ނިންމުމުގެ ދަށުން ކޮންމެ ތިން މަހަކުން އެމްއާރުއާރުގެ ރޭޓު ރިވިއު ކުރަމުންދާނެއެވެ.

އިޤްތިޞާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ގެ ރޭޓު 10 ބޭސިސް ޕޮއިންޓަށް މައްޗަށް ޖެއްސުމަށާއި، މިހާރު ހިންގަމުންދާ އޯޕަން މާކެޓް އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް ވެސް އެމްއެމްއޭއިން ވަނީ ކަނޑައަޅާފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް އުފުލުމުގެ ސަބަބުން، ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ސީދާ އަސަރު ބާޒާރުގައި ހުރި ތަކެތީގެ އަގަށް ކުރަމުންދާއިރު، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، އާންމު ފަރުދުންގެ ޖީބަށް ވަނީ އިންތިހާއަށް ބާރުބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު