ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ބީލަމުގެ އުސޫލާ ޚިލާފަށް 438 އެއްބަސްވުމެއް ހެދި މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި މައްސަލަ ތަހުގީގުކުރަން ފާސްކޮށްފައިވަނީ، އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ފެނަކައިގެ ޚާއްޞަ އޮޑިޓް ރިޕޯޓަށް ބިނާކޮށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ރިއާޔަތް ކުރުމަށްފަހުއެވެ. މި ރިޕޯޓު ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ވަނީ 36 ހުށަހެޅުމެއް ހުށަހަޅާފައެވެ.

މި ނިންމުންތައް މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ. މީގެ އިތުރުން، ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ހުށަހަޅާފައިވާ ގަރާރުވެސް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ފެނަކައިން އަމަލުކޮށްފައިވަނީ ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެހެން ކުންފުނީގެ ގަވާއިދުތަކާ ޚިލާފަށެވެ. އަދި އެކި މަޝްރޫޢުތައް ހިންގުމުގައި އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރުގެ އާއިލީ ގުޅުންހުރި ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫއުތައް ދީފައިވާކަން ވަނީ ހާމަވެފައެވެ.

އެ މުއްދަތުގައި ޖުމްލަ 673 އެއްބަސްވުމެއްގެ ދަށުން 2.23 ބިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 438 އެއްބަސްވުމަކީ އާންމު ބީލަމުގެ އުސޫލުން ބޭރުން ހެދިފައިވާ އެއްބަސްވުންތައް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި މަޝްރޫޢުތަކުގެ އަގު 1.3 ބިލިޔަން ރުފިޔާއަށް އަރައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ޖަނަރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިމެނެއެވެ.

މީގެ އިތުރުން، އިންހައުސް ޕްރޮޖެކްޓުތަކުގެ ގޮތުގައި ރަށްރަށުގައި އައު އިންޖީނުގެތަކާއި އޮފީސްތައް އެޅުމަށް 57 މަޝްރޫއަކަށް 1 ބިލިޔަނަށްވުރެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން 41 މަޝްރޫޢެއްގެ މަސައްކަތް ނުނިމި ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކަށް ބަލާއިރު، ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އާއިލީ ގުޅުންހުރި ކުންފުނިތަކަށް 92 އެއްބަސްވުމެއްގެ ދަށުން 49 މިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކޮށް، އޭގެ ތެރެއިން ބައެއް މަޝްރޫޢުތަކަށް 31.1 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ކުންފުނީގެ ޕްރޮކިޔުމަންޓް ޕޮލިސީއާ ޚިލާފަށް 111 މިލިޔަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

ޖުމްލަ ގޮތެއްގައި 2021 އިން 2023 އަށް ފެނަކައިން 8.8 ބިލިޔަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދާފައިވާއިރު، އޭގެ ތެރޭގައި ކުންފުނީގެ އާންމު އޮޕަރޭޝަންތަކަށް ބޭނުން ނުވާ މުދަލާއި ޚިދުމަތްތައް ހޯދަން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު