މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމުމަށްޓަކައި، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލުމަށް މިއަދު ބޭއްވި ޖަލްސާގައި ފާސްކޮށްފިއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުނިމި ހުރިކަން ފާހަގަކުރައްވައި، ދައުރު ދަންމާލުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމާ މެދު މެންބަރުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުން ވަނީ ދައުރު ދަންމާލުމަށް ފާސްވެފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މި ދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވުމަށް ކުރިން ތާވަލުކުރެވިފައި އޮތީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް، މަޖިލީހުގެ ދައުރު ދަންމާލަން ނިންމެވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިންމު ބިލްތަކެއްގެ މަސައްކަތް ނުނިމި ހުރުމާ ގުޅިގެންނެވެ.

އޭގެ ތެރޭގައި ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މި ބިލު މިހާރު އޮތީ ކޮމިޓީ މަރުޙަލާގައެވެ. މި ބިލާ ގުޅިގެން ޢާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ބިލާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕެޓީޝަނެއް ވެސް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި މި ބިލުގެ އިތުރުން މަޖިލީހުގައި ހުރި އެހެނިހެން މުހިންމު މަސައްކަތްތައް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު