އަބްދުލް ލަތީފް އަހުމަދު | މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ކޮށްފައިވާ ފޮޓޯއެއް
އަބްދުލް ލަތީފް އަހުމަދު | މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ކޮށްފައިވާ ފޮޓޯއެއް
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު އެ މަގާމުން ކުއްލި ގޮތަކަށް ވަކިކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލަތީފް މަގާމުން ވަކިކުރިކަން އަންގާފައިވަނީ އިއްޔެ ރައީސް އޮފީހުން ފޮނުވި ސިޓީއަކުންނެވެ. އެ ސިޓީގައި، މަގާމުން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށެވެ.

ލަތީފަކީ މީގެ ކުރިން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ރައީސް ޔާމީންގެ ވެރިކަމުގައި ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ލަތީފް މަގާމުން ވަކިކުރެއްވި ނަމަވެސް، މިކަމާ ގުޅޭގޮތުން ރައީސް އޮފީހާއި، ލަތީފް ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ލަތީފް މަގާމުން ވަކިކުރައްވާފައި މިވަނީ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ވެސް މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ފައިރޫޝް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިއީ އާންމު ހިދުމަތުގެ މި ބާބު ނިންމާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާތީ، ވަރަށް ބޮޑަށް ވިސްނެވުމަށްފަހު އިސްތިއުފާ ދެއްވީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު