ރައީސް ޔާމީން
ރައީސް ޔާމީން
އެމްޑީޕީ އަލުން ވެރިކަމަށް އައުމަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިސްކުރެއްވުމަކީ، ރައީސް މުއިއްޒަށް ސަނާ ކިޔުއްވައި ތާއީދުކުރެއްވުން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަށް އެމްޑީޕީގެ މައްޗަށް އިހުތިޔާރު ކުރަށްވާނީ ރައީސް މުއިއްޒު ކަމަށް މީގެ ކުރިން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅު، ބައެއް ފަރާތްތަކުން އޮޅޭގޮތަށް މާނަކުރަމުންދާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ކަންކަން ގޯސްކޮށް ހުރި ނަމަވެސް، އެމްޑީޕީއަށް އަލުން ފުރުސަތު ދޭން ބޭނުންފުޅުނުވާ ކަމަށެވެ. އަދި ދެއްކެވި ވާހަކަފުޅު އޮޅުވާނުލުމަށްވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ވެރިކަން ކުރި ބައެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ނަމުން ޑިމޮކްރެޓިކް ބައެއް ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ދެ ވެރިކަމެއްގައި ގައުމު ހަލާކުކޮށްލި މިންވަރު ބޮޑުކަމުން އެ ޕާޓީއަށް ދުވަހަކުވެސް ތާއީދު ނުކުރަށްވާނެ ކަމަށާއި، ބޮޑު ދެ ގެއްލުމެއްގެ މައްޗަށް އިހުތިޔާރު ކުރައްވާނީ އަބަދުވެސް ކުޑަ ގެއްލުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމްޑީޕީގެ މައްޗަށް ރައީސް މުއިއްޒު އިހުތިޔާރު ކުރެއްވުމަކީ ރައީސް މުއިއްޒަށް ވެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރެއްވުން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އިގުތިޞާދީ ދާއިރާއަށް އަލިއަޅުވާ ލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ އަގު ހެޔޮނުވެ ކުރިއަށް އޮތީ އިގުތިޞާދީ ގޮތުން ދަތި ދުވަސްތަކެއް ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރަން ސަރުކާރުން އިތުރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެމްއެމްއޭ އިން ފިޔަވަޅުތަކެއް އަޅައިގެން ދުވަސްކޮޅަކަށް ހިފަހައްޓާލެވުނު ނަމަވެސް، އިންވެސްޓް ކުރަން ބަލާއިރު ފައިސާގެ އަގު ބޮޑުވެގެން ދިއުމަކީ އެކަމުގެ ނޭދެވޭ އަސަރު އިގުތިޞާދަށް ކުރާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓްތަކަށް ލިބޭ އާމްދަނީން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމަކީވެސް އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިގުތިޞާދީ ހާލަތަށް ބަލައިނުލައި ގާނޫނުތަކުގެ ތެރެއިން ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން އުޅުމުން ނުކުންނާނީ ނުކިއްސަރު ނަތީޖާއެއް ކަމަށާއި، މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މުދަލުގެ އަގު ތިރިވެ، ޑޮލަރުގެ އަގު ހެޔޮވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު