އެމެރިކާއާއެކު އޮތް އަސްކަރީ ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ފެތުރިފައިވާ ޚަބަރުތައް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ކަނޑައެޅިގެން ދޮގުކުރައްވާފައެވެ.

"އަޅުގަނޑު އިސްތިއުފާ ދޭން ގަސްދުކުރާނަމަ، އެކަން އާންމުކޮށް އިއުލާނު ކުރާނަން. އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން، އަދި ގައުމީ މަސައްކަތުގައި ސާބިތުވެ ހުންނާނަން،" އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ޓީވީ

އިންޓަވިއުއެއްގައި ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާގެ ސަރުކާރާއި، އީރާނުގެ މަތީ ފަންތީގެ ލީޑަޝިޕާއި، އަސްކަރިއްޔާގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތައް ވެސް ރައީސް ވަނީ ދޮގުކުރައްވާފައެވެ. ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު އޮތީ ފުރިހަމަ ގުޅުމެއް ކަމަށާއި، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ގައުމީ އެއްބައިވަންތަކަމަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިތިބީ އަސްކަރިއްޔާއާ އެކު ފުރިހަމައަށް ގުޅިގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، އޭނާ ތަކުރާރުކޮށް އިސްތިއުފާ ދެއްވަން ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އިދިކޮޅު މީޑިއާތަކުން ފަތުރަމުންދިޔަ ރިޕޯޓުތަކާ ގުޅިގެންނެވެ. އެފަދަ ނިންމުމެއް ނިންމަވައިފިނަމަ، އެކަން ސީދާ އެމަނިކުފާނު އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ވަނީ ބޭރުކޮށްލައްވާފައެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލުން ވެސް ވަނީ މި ޚަބަރުތައް ދޮގުކުރައްވާފައެވެ. އެ އޮފީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޑެޕިއުޓީ، މުހައްމަދު މަހުދީ ތަބާތަބާއީ ވިދާޅުވީ، އިސްތިއުފާގެ ވާހަކަތަކަކީ "އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެންވާ ދޮގެއް" ކަމަށެވެ. އަދި މިއީ ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ގައުމުގެ ދާޚިލީ ބައިބައިވުން އުފެއްދުމަށް ސިޔާސީ ވާދަވެރިން ގަސްދުގައި ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ދިގުލީ ކުރިމަތިލުންތަކުގެ ތެރެއިންނެވެ. މިއަހަރުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން، އީރާނުން ވެސް ވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބާރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ.

ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަށްފަހު، ދާއިމީ ހައްލެއް ހޯދުމަށް ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. އެއާއެކު ދެ ގައުމުގެ މެދުގައި އަލުން ހަމަލާތައް ބަދަލުކުރަން ފެށުނު ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މަޝްވަރާތައް އަލުން ފެށިފައިވާ ކަމަށް ބުނާ ރިޕޯޓުތަކާ އެކު، އީރާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލާފައެވެ.

ސިޔާސީ އަދި އަސްކަރީ ގޮތުން މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި ރައީސް ޕެޒެޝްކިއަން ދެއްވި މި ބަޔާނަކީ، އީރާނުގެ ލީޑަޝިޕްގެ ތެރޭގައި ހަމަނުޖެހުން އުޅޭކަމަށް ދެކެވޭ ވާހަކަތައް ހުއްޓުވުމަށާއި، ބޭރުގެ އަސްކަރީ ފިއްތުންތަކާއި އެތެރެވަރީގެ ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރުކާރު އޮތީ ބަދަހިކޮށްކަން ހާމަކޮށްދިނުމަށް ދެއްވި ބަޔާނެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު