މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ ބައްދަލުވުމެއް، ފޮޓޯ: މަޖިލިސް
މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ ބައްދަލުވުމެއް، ފޮޓޯ: މަޖިލިސް
ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި މުއްދަތު، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ދުވަސް ކަމަށްވާ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ލާމަރުކަޒީ ކޮމިޓީން އިތުރުކޮށްފިއެވެ.

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކޮށް، މަޝްރޫޢުތައް އަވަސްކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ކަށަވަރުކުރުމުގެ މަޤްޞަދުގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރެވެ. ބިލުގެ ބަހުސް އެންމެ ދުވަހެއްގެ ތެރޭގައި ނިންމައިލުމަށްފަހު ދިރާސާކުރުމަށް މިދިޔަ ހޯމަ ދުވަހު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ފުރަތަމަ ނިންމީ މިއަދުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމުމަށެވެ.

ނަމަވެސް، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު ވަނީ ބިލުގެ މަސައްކަތް މި ހިނގާ ދައުރުގެ އެންމެ ފަހު ދުވަހާ ހަމައަށް ދަންމައިލުމަށް ހުށަހަޅުއްވާފައެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ތާއީދުކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާޤުންނެވެ.

މި ބިލުގެ ސުންގަޑި ފަސްކުރަން ނިންމި މައިގަނޑު ސަބަބަކީ، ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނެއް ކަމަށް ބެލެވެއެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު އިސްނަގައިގެން މި މަހުގެ އަށްވަނަ ދުވަހު ހުށަހެޅި އެ ޕެޓިޝަނުގައި ހަފުތާއެއް ތެރޭ 2،100 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ނުވަތަ 2،100 ސޮއި ހަމަވުމުން އެ ޕެޓިޝަނެއް ކަމާގުޅޭ ކޮމިޓީން ދިރާސާކުރަން ޖެހެއެވެ. އެހެންކަމުން، މި ޕެޓިޝަނާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ވެސް މިއަދު ވަނީ ބާއްވަން ތާވަލުކޮށްފައެވެ.

އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހުށަހެޅި އެ ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ، މި ބިލު ފާސްވެއްޖެނަމަ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑި، ހުރިހާ ބާރެއް ވަޒީރުންގެ މަޖިލީހަށް ޖަމާވާނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް ދެކޮޅުހަދާ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު ފަހިވެ، ކަންކަމުގައި ބަސްބުނުމަށް ރައްޔިތުންނަށް އޮންނަ ޙައްޤު ހަނިވެގެންދާނެ ކަމަށްވެސް އެ ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް