ޑރ. އަސަދު މުޙައްމަދު ޝަހީދު
ޑރ. އަސަދު މުޙައްމަދު ޝަހީދު
ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ) ގެ ރައީސްކަމުގެ މަޤާމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިޚާބުވެވަޑައިގެންފިއެވެ.

މިކަމާ ގުޅިގެން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ޑރ. އަސަދު މުޙައްމަދު ޝަހީދަށް މަރުޙަބާ ދަންނަވައި، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މި ލީޑަޝިޕް ފުރުޞަތުގެ ބޭނުން ހިފައިގެން ދިވެހިރާއްޖޭގެ އެނެސްތީސިއޮލޮޖީއާއި ގުޅުންހުރި ޚާއްޞަ ޞިއްޙީ ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޑރ. އަސަދު މި މަޤާމަށް އިންތިޚާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމަށާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޚާއްޞަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެކެވެ. މީގެއިތުރުން، ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުން އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު މިކަމުގެ ސަބަބުން އިތުރަށް ފުޅާވެގެންދާނެއެވެ.



މި ދައުރުގެ ސަބަބުން ސަރަހައްދީ ތަމްރީނު ޕްރޮގްރާމްތަކާއި، ފަންނީ އެއްބާރުލުން ދިނުމާއި، ދިރާސާކުރުމުގެ އިތުރުން ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތަކަށް ބޮޑެތި އެހީތެރިކަމެއް ލިބިގެންދާނެއެވެ. މިއާއެކު، ސާކްގެ މެންބަރު ޤައުމުތަކުގައި ހުރި ފަންނީ ޤާބިލުކަމާއި ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ދިވެހިރާއްޖެއަށް ހިފުމުގެ މަގުތައް ތަނަވަސްވެގެންދާނެ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ހަމައެއާއެކު، ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް، އެނެސްތީސިއާއާއި ކްރިޓިކަލް ކެއަރ ޚިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، ޚާއްޞަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާ ކުރުމަށް ހުރި ފުރުޞަތުތައް ދިވެހިރާއްޖެއަށް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

ޑރ. އަސަދު ސާކް-އޭއޭގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައި މިވަނީ، ރާއްޖޭގައި ޚާއްޞަ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފަންނީ ގޮތުން ޤާބިލު ޞިއްޙީ މަސައްކަތްތެރިންގެ ޓީމެއް ބިނާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދެ އަހަރު ދުވަހުގެ މި ރައީސްކަމުގެ ދައުރަކީ ސަރަހައްދީ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޕޮޒިޝަން ކުރުމަށް ލިބިގެންދިޔަ އަގުހުރި ޕްލެޓްފޯމެކެވެ.



ކިޔުންތެރިންގެ ހިޔާލު