ރާއްޖެއަށއ ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި
ރާއްޖެއަށއ ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި
މިއަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި ރާއްޖެއަށް 112,116 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 107,847 ފަތުރުވެރިންނާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މާރިޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ އަދަދުތައް ދަށްވާން ފެށުމަށްފަހު، އޮގަސްޓު މަހު މިވަނީ އަލުން އުންމީދީ ކުރިއެރުމެއް ފެންނަން ފަށާފައިއެވެ.

އެގޮތުން މޭ މަހު 1.7 އިންސައްތައިގެ ކުރިއެރުމެއް ލިބުނު ނަމަވެސް، ޖޫން މަހު 12 އިންސައްތަ އަދި ޖުލައި މަހު 1.9 އިންސައްތައިގެ ދަށްވުމެއް ރެކޯޑުކުރެވުނެވެ.

ނަމަވެސް އޮގަސްޓު މަހުގެ ފުރަތަމަ 16 ދުވަހު އެވްރެޖްކޮށް ދުވާލަކު 5,994 ފަތުރުވެރިން އައިސްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ 7,879 ފަތުރުވެރިންނާއެކު މިމަހުގެ 8 ވަނަ ދުވަހުއެވެ.

އަހަރުގެ މިހާތަނަށް މުޅިއެކު 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގެ 1.4 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 3.9 އިންސައްތައިގެ ދަށްވުމެކެވެ. އަދި 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނާއެކު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

ފަތުރުވެރިން ތިބި ތަންތަނަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 982,868 ފަތުރުވެރިންނެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން ތިބީ ގެސްޓުހައުސްތަކުގައި (298,080) ކަމަށްވާއިރު، ހޮޓާތަކުގައި 31,723 ފަތުރުވެރިން އަދި ސަފާރީތަކުގައި 25,091 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު