ޅ. ހިންނަވަރު ފިހާރައަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
ޅ. ހިންނަވަރު ފިހާރައަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
ޅ. ހިންނަވަރު ފިހާރައަކުން ވަގަށްނެގި ތަކެތިި ހޯދައި، ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 2026 އޮގަސްޓު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހިންނަވަރު ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އޮގަސްޓު 16 ވަނަ ދުވަހުގެ ހެނދުނު މި މައްސަލަ ހުށަހެޅުމާއެކު، ވައްކަންކުރި މީހާ ދެނެގަނެ އަދި ފިހާރައިން ވަގަށްނެގި ތަކެތި ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ފުލުހުންވަނީ ފަށާފައެވެ.

އެގޮތުން ކުރެވުނު މަސައްކަތުގައި، ފިހާރައާއި އެ ސަރަހައްދުގެ ބައެއް ގޭގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެ އޭނާވަނީ ހޯދާފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށްނެގިކަމަށް ބެލެވޭ ފަސް މޯބައިލްފޯނާއި ހަ ކާޓޫނު ސިނގިރެޓާއި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ތަރިފިޔަޖަހާގެ، ޅ. ހިންނަވަރު، ރިފްނާޒު މޫސާ (39އ) ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު