"ޕަލްސް: އާބާދީގެ ވިންދު 2045" ޑިޖިޓަލް މައުރަޒު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
"ޕަލްސް: އާބާދީގެ ވިންދު 2045" ޑިޖިޓަލް މައުރަޒު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިވެހިރާއްޖޭގެ އާބާދީއަށް އަންނަމުންދާ އަވަސް ބަދަލުތަކާއި ތަފާސްހިސާބުތައް ޑިޖިޓަލް ކުރެހުންތަކެއްގެ ސިފައިގައި ދައްކުވައިދޭ ޚާއްޞަ މައުރަޒު، "ޕަލްސް: އާބާދީގެ ވިންދު 2045" ގެ ނަމުގައި ޔޫއެންއެފްޕީއޭ މޯލްޑިވްސް އިން ނޭޝަނަލް އާޓް ގެލެރީގައި އިފްތިތާޙުކޮށްފިއެވެ.

މި މައުރަޒަކީ ޔޫއެންއެފްޕީއޭ އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން، ރާއްޖޭގެ އެކްސްޕީރިއެންޝަލް ޑިޒައިން އެޖެންސީއެއް ކަމަށްވާ "އެންގޮން" އިން ކިއުރޭޓްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަގަސްޓު މަހުގެ 19 އިން 20 އަށް ކުރިއަށްދާ މި މައުރަޒު އާންމުކޮށް ހުޅުވާލެވިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ. އަދި މި މައުރަޒަށް ވަނުން މުޅިން ހިލޭކަމަށް ޔޫއެންއެފްޕީއޭ އިން މަޢުލޫމާތު ދެއެވެ.



"ޕަލްސް: އާބާދީގެ ވިންދު 2045" ޑިޖިޓަލް މައުރަޒު


ޕްރޮޖެކްޝަން މެޕިންގ އަދި ރިއަލް-ޓައިމް އިންޓަރެކްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ 8 އިންސްޓަލޭޝަނެއް ހިމެނޭ މި މައުރަޒުގައި، ޒިޔާރަތްކުރާ ފަރާތްތަކަށް އަމިއްލަ ޑިޖިޓަލް ފުޓްޕްރިންޓް ހަދައި، އެކިއެކި އާޓްވޯކްތަކާ އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ އާބާދީގެ ހިސާބުތަކުގެ ފަހަތުގައިވާ އިންސާނީ ވާހަކަތައް ދައްކުވައިދީ، ދުޅަހެޔޮ ދުވަސްވީ އުމުރަކާއި، ބަލިތަކުން ރައްކާތެރިވުމާއި، އަދި އަޅާލުމުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ބާރުއެޅުމެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތް ވަނީ 2009 ވަނަ އަހަރު ހުރި 2.5 އިން 2022 ވަނަ އަހަރު 1.7 އަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. މީގެ ސަބަބުން އަދި ދިރިއުޅުމުގެ އުމުރު ދިގުވަމުންދާތީ، 2045 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ދުވަސްވީ މީހުން ގިނަ "އޭޖްޑް ސޮސައިޓީ" އަކަށް އަދި 2052 ގައި "ސުޕަރ-އޭޖްޑް ސޮސައިޓީ" އަކަށް ވާނެކަމަށް ލަފާކުރެވެއެވެ. މިއީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށާއި މަސައްކަތްކުރާ އުމުރުގެ އާބާދީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ.

މި މައުރަޒު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޑރ. ޢާއިޝަތު ރަމީލާ ވަނީ ޤައުމީ ފެންވަރުގައި އަޅާލުމުގެ ސިޔާސަތުތައް އެކުލަވާލުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ދައުލަތުގެ އަދި އަމިއްލަ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.



"ޕަލްސް: އާބާދީގެ ވިންދު 2045" ޑިޖިޓަލް މައުރަޒު


މީގެއިތުރުން، އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ހާއޯ ޒަންގް ވަނީ ޒުވާނުންގެ ޤާބިލުކަން އިތުރުކޮށް، ބަދަލުވަމުންދާ އާބާދީގެ ޓްރެންޑުތަކަށް ދުރާލާ ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ. އަދި ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހީމް ވިދާޅުވީ، "ޕަލްސް" މައުރަޒުގެ ސަބަބުން ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް އާބާދީއަށް އަންނަ ބަދަލުތަކަށް އެކަށޭނަ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް