ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ވ. ކެޔޮދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ދޭލިޔާގެ، ޢުމުރުން 31 އަހަރުގެ އަޙްމަދު ފާޒިލް އެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެކެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން

މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ފާޒިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު