ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
ތަރައްޤީ ގެންނަންވާނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށާއި، އަލުން މަރުކަޒީ މުށްބާރުކުރުމުގެ ސަގާފަތަކަށް އެނބުރި ދިއުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެމްބަރު ކުޑޫ ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކުގެ އެއްވެސް ބަހެއް އަދި މަޝްވަރާއެއް ނެތި، ވަޒީރުންގެ މަޖިލީހަށް (ކެބިނެޓަށް) ބިންތައް ނެގޭ ގޮތަށް ކަންކަން ނިންމުމަކީ ތަރައްޤީގެ ނަމުގައި ރަށްރަށުގެ މުސްތަޤުބަލަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިންގުމަށްޓަކައި ކައުންސިލްތައް ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ކުޑޫ ވިދާޅުވީ، ކައުންސިލްތަކަކީ މާލީ ގޮތުން ފުދުންތެރި، ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި، އެ ރަށެއްގެ އިހުތިސާސްގައި ހިމެނޭ ބިންތަކުން އިގުތިސާދީ ގޮތުން ނަފާ ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ފަހިވެފައި އޮންނަންޖެހޭނެ ކަމަށެވެ.

"ތަރައްޤީ އަންނަންވާނީ ރަށު ރައްޔިތުންގެ ބައިވެރިވުމާއެކު، އެމީހުންގެ އަޑު އިވޭނެ ފަދަ ގޮތަކަށް. މަރުކަޒީ މުށްބާރުކުރުމުގެ ސަގާފަތަށް އަލުން އެނބުރި ދިއުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުން،" ކުޑޫ ވިދާޅުވިއެވެ.

މެމްބަރު ކުޑޫ މިފަދައިން ވިދާޅުވެފައި މިވަނީ، ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތައް ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ.

މި ބިލާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ކެނޑި، ލާމަރުކަޒީ ނިޒާމުގެ އަސްލު މަޤްޞަދު ގެއްލިގެންދާނެ ކަމަށެވެ. އަދި މިއީ ރައްޔިތުން ބާރުވެރިކުރުވުމަށް އެޅޭ ހުރަހެއްގެ ގޮތުގައިވެސް އެ ފަރާތްތަކުން ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް