އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ މާލީ ގޮންޖެހުންތަކުން ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކުރުމަށް ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، ބައިނަލްއަޤްވާމީ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ބޮޑު ދަރަނިއެއް އޮތް ނަމަވެސް، އެ ދަރަނިތައް ދެއްކުމުގެ ކަންކަން ސަރުކާރުން ވަރަށް ފަރުވާތެރިކަމާއެކު މެނޭޖްކުރަމުންދާ ކަމަށެވެ.

އަދި މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެލާއި ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޚާއްޞަ ކްރައިސިސް ކޮމިޓީއެއް އުފައްދަވައިގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ހަނޑޫ، ހަކުރު، އަދި ފުށް އެކަނި އަސާސީ މުދަލުގެ ގޮތުގައި ބެލި ނަމަވެސް، މި ސަރުކާރުން ވަނީ އިތުރު 23 ބާވަތެއް ދެނެގަނެ، މާކެޓުގައި އަގުތައް ހަމައަކަށް އަޅުވައި ކޯޑިނޭޓެޑް މަސައްކަތްތަކެއް ކޮށްފައެވެ.

މީގެ އިތުރުން 164 ބާވަތެއްގެ އަގު ދުވަހުން ދުވަހަށް ސަރުކާރުން މޮނިޓަރ ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައި ކުރުމުގެ ގޮތުން 2030 ވަނަ އަހަރާ ހަމައަށްދާއިރު ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދުން ލިބޭ އާމްދަނީއަށް ހެދުމަށާއި، ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އަދި މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި 11 ބިލިއަން ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކުރައްވައި، މިއީ ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު