މާލީ ވަޒީރު ޙަސަން ޒަރީރު
މާލީ ވަޒީރު ޙަސަން ޒަރީރު
ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ނުހަނު ބޮޑު ކަމުގައި މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަނާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި، އީ-ގަވަރނަންސް އަދި ފިންޓެކް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުޖުތަމަޢުތައް ގުޅުވައިދީ، ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދިނުމާއެކު އައު އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކޮށްދޭނެ މުހިންމު ވަސީލަތްތަކެކެވެ.

"ދިވެހިރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީއަކީ އީޖާދީ އުފެއްދުންތަކުގެ ޒަރީއާއިން އަމަލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލާމެހިފައިވާ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެއް،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުތަކުގެ މައިގަނޑު ޒިންމާއަކީ ހަރުދަނާ ސިޔާސަތުތަކާއި، ވަރުގަދަ މުއައްސަސާތަކާއި އެކަށޭނަ ޤަވާޢިދުތަކުގެ ތެރެއިން ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތަކާއި، އީޖާދީ އުފެއްދުންތަކާއި، ވިޔަފާރީގެ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ބޭނުންހިފައިގެން، ތަފާތު ޚިޔާލުތައް ޙަޤީޤަތަކަށް ހަދައިދިނުމުގެ ޤާބިލުކަން ލިބިފައިވާ މައިގަނޑު ބާރު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ކުދި ޖަޒީރާ ޤައުމުތަކަށް މި ހުރިހާ ބާރުތައް އެއް އަމާޒަކަށް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުތަކާއި، ވިޔަފާރިތަކާއި، އިންވެސްޓަރުން އަދި ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް މާލީ ވަޒީރު ވަނީ ގޮވާލައްވާފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މި ފޯރަމަކީ ހަމައެކަނި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް އޮތް ފުރުސަތެއް ނޫން ކަމަށާއި، މިއީ އައު ފުރުސަތުތައް ދެނެގަތުމަށާއި، ހައްލުތައް ހިއްސާކުރުމަށާއި، އީޖާދީ ޚިޔާލުތަކަށް މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، މާނަވީ އަދި ނަތީޖާ ނެރެވޭނެ ފަދަ ބައިވެރިވުންތައް ބިނާކުރުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރު ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިންވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުން ފެށިގެން، ކޮންމެ ދެ އަހަރުން އެއް އަހަރު ސިލްސިލާކޮށް ބާއްވަމުން އަންނަ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކުރިއެރުމުގައި ދައުލަތްތަކުގެ އިތުރުން، ވިޔަފާރިތަކާއި، އިންވެސްޓަރުންނާއި، އެހީދޭ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު