ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
އެމްއެމްއޭ އިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކުން ރިޕޯޓް ކުރުމާއި، އަގުތައް ޝާއިއުކުރުން މަނާކުރުމާއި، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް މިހާރު ވަނީ ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީން ގެނައި އަނެއް އިސްލާހަކީ، އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކުރުމެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހުތަކާއެކު، އާންމު ފަރުދަކު މިފަދަ އަމަލެއް ކޮށްފިނަމަ 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން މިފަދަ މައުލޫމާތެއް އާންމުކޮށްފިނަމަ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މީގެ އިތުރުން، ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ކުރުމަކީ ޖިނާއީ ކުށެއް ކަމަށް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ނަމަ، އިދާރީ ފިޔަވަޅު އެޅުމުގެ އިތުރަށް އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިހްތިޔާރު ވެސް ލިބިގެންވާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތައް މަޖިލީހުން ފާސްކުރިއިރު، މިކަމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފައިވަނީ، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކުއްލި ބައްދަލުވުމަކަށް މަޓީގެ އެގްޒެކެޓިވް ބޯޑު އިއްޔެ ރައީސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަދި، ގާނޫނާ ޚިލާފު މުޢާމަލާތްތަކެއްގެ ތެރެއިން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމަށާއި ޑޮލަރުގެ އަގު ބޮޑު ކުރުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ތަހުގީގުތަކުން ހާމަވި ކަމަށް އެ ބައްދަލުވުމުގައި ސަރުކާރުން އެންގި ކަމަށް މަޓީން ބުނެފައިވެއެވެ.

މަޓީން ބުނީ، ވަކިވަކި ބައެއް ރިސޯޓު އޮޕަރޭޓަރުންނަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން މުޅި ސިނާޢަތަށް އެއްކޮށް ހިންގާ ސިޔާސަތެއް ތަންފީޒު ކުރުމަކީ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، ކަޅު ބާޒާރުގައި އަގު އުފުލުމަކީ ހަމައެކަނި ރިސޯޓު އޮޕަރޭޓަރުންގެ ބޮލުގައި އެޅުވޭނެ ކަމެއް ކަމަށް ބުނުމަކީ ސައްޙަ އަދި އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

މަޓީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، އެ ބައްދަލުވުން ބޭއްވިތާ މާ ގިނަ ދުވަހެއް ނުވެ، އިތުރު ސަތޭކަ އިންސައްތައިގެ ބޮޑުވުމަކާއެކު، ފައިސާ މާރުކުރަން ޖެހޭ ނިސްބަތް 40 އިންސައްތައަށް ހެދުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު