އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ގާޑް (އެންއެސްޖީ) އިން އެ އިދާރާގެ ފުރަތަމަ "މަހިލާ ކޮމާންޑޯސް"
އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ގާޑް (އެންއެސްޖީ) އިން އެ އިދާރާގެ ފުރަތަމަ "މަހިލާ ކޮމާންޑޯސް"
އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ގާޑް (އެންއެސްޖީ) އިން އެ އިދާރާގެ ފުރަތަމަ "މަހިލާ ކޮމާންޑޯ ކޮންވާޝަން ކޯސް" (އެމްސީސީސީ) ފަށައިފިއެވެ.

12 ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޚާއްޞަ ތަމްރީނު ޕްރޮގްރާމަކީ އިންޑިއާގެ ސްޓޭޓް ޕޮލިސް ފޯސްތަކާއި ސެންޓްރަލް އާމްޑް ޕޮލިސް ފޯސަސް (ސީއޭޕީއެފް) ގެ އަންހެން ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މަނޭސަރުގައި ހުންނަ އެންއެސްޖީ ޓްރޭނިން އެކަޑަމީގައި ފެށި މި ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ ނިރުބަވެރިކަމާ ދެކޮޅަށް ހިންގާ ނުރައްކާތެރި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވެވޭފަދަ ޤާބިލު އަންހެން ކޮމާންޑޯއިން ތައްޔާރުކުރުމެވެ.

މި ތަމްރީނު ކޯހުގެ ތެރެއިން ބައިވެރިންނަށް އެންމެ ފަހުގެ ނވީ ހަތިޔާރު ބޭނުންކުރުމާއި، ސީދާ އަމާޒަށް ހަތިޔާރު ޖެހުމުގެ ހުނަރުތަކުގެ އިތުރުން ތަކުތީކީ އޮޕަރޭޝަންތައް ހިންގުމާއި ރަހީނުން ސަލާމަތްކުރުމުގެ ޚާއްޞަ އުކުޅުތައް އުނގަންނައިދޭނެއެވެ.

މީގެއިތުރުން ޖިސްމާނީ ގޮތުންނާއި ފަންނީ ގޮތުން ކޮމާންޑޯއެއްގެ ފެންވަރަށް ބައިވެރިން ތައްޔާރުކުރުމަށްޓަކައި ވަރުގަދަ ޖިސްމާނީ ތަމްރީނުތަކެއްވެސް މި ކޯހުގެ ތެރޭގައި ކުރިއަށްގެންދެއެވެ. ފުރަތަމަ ބެޗުގައި ރާޖަސްތާން އާމްޑް ކޮންސްޓެބިއުލަރީގެ 25 އަންހެން އޮފިސަރުން ބައިވެރިވެއެވެ.

މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ސެކިއުރިޓީ ދާއިރާގައި އަންހެނުންގެ އާބާދީ އިތުރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ނުރައްކާތެރި އަދި ކުއްލި ހާލަތްތަކުގައި އަމަލީ ގޮތުން އިސްނަގައިގެން ހަރަކާތްތެރިވެވޭނެ ފެންވަރުގެ ޤާބިލު އަންހެން އޮފިސަރުން އުފެއްދުމެވެ.

މި ތަމްރީނު ފުރިހަމަކުރުމަށްފަހު، އެ އޮފިސަރުން އެނބުރި އެމީހުންގެ މައި އިދާރާތަކަށް ގޮސް، އެންއެސްޖީގެ މަތީ ފެންވަރުގެ ތަމްރީނުތަކާއި އުކުޅުތައް ސްޓޭޓް ފުލުހުންނާއި އަސްކަރީ އިދާރާތަކުގައި ހިއްސާކުރާނެއެވެ.

މިއީ އިންޑިއާގެ ޤައުމީ ސަލާމަތީ ބާރުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ސެންޓްރަލް އަދި ސްޓޭޓް ފޯސްތަކުގެ އޮޕަރޭޝަނަލް މިންގަނޑުތައް އެއްފެންވަރަކަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ ސަބަބުން މުޅި ޤައުމުގެ ފެންވަރުގައި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުވެ، ޚާއްޞަ ކޮމާންޑޯ އޮޕަރޭޝަންތަކުގައި އަންހެނުންގެ ދައުރު ކުރިއަށްވުރެ ބޮޑަށް ފުޅާވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު