އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުން ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ހޯދިއްޖެނަމަ، ރާއްޖޭގެ ޑޮލަރުގެ މައްސަލައަށް ވަގުތީ އަދި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އަކީ ޑޮލަރުން މާރުކުރަންޖެހޭ ގޮތަތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ރައީސް ޔާމީން ފާޑުވިދާޅުވެ، އެކަމާ ދެކޮޅަށް ތެދުވުމަށް ރިސޯޓު ވެރިންނަށް ގޮވާލެއްވުމާ ގުޅިގެން ފަލާހު ވަނީ އެކަން ހޫނުކޮށް ކުށްވެރިކުރައްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، ކުރިން ވެރިކަންކޮށްފައިވާ ބޭފުޅަކު ރާއްޖޭގެ ގާނޫނުތަކާ ހިލާފުވުމަށް ރައްޔިތުންނަށް ހިތްވަރުދީ ގޮވާލުމަކީ ބޮޑެތި ކުށްތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.

އަދި މިފަދަ އަމަލުތަކުން ހާމަވެގެންދަނީ އެމަނިކުފާނުގެ އަމިއްލަ އެދުމާއި ވެރިކަމަށް އޮތް ދަހިވެތިކަން ކަމަށާއި، ދައުލަތުން ގެއްލުވާލާފައިވާ ފައިސާ ހޯދިއްޖެނަމަ މިހާރު ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ފަސޭހައިން ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ސަރުކާރުން އަލަށް ގެނައި މި ބަދަލާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާއި ވިޔަފާރިވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން 40 ޕަސެންޓުގެ ނިސްބަތަކީ މިވަގުތު ރިސޯޓުތަކަށް އުފުލަން ފަސޭހަ ބުރައެއް ނޫން ކަމަށް މަޓީ ފަދަ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު