ޑރ. އަލީ އަޒްވަރު
ޑރ. އަލީ އަޒްވަރު
ދިވެހިރާއްޖޭގައި ފާހަގަ ކުރަމުންދާ ފަޚުރުވެރި ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރު، އެ ކުންފުނީގެ އިންޖިނިއަރުންގެ ޓީމަކީ ކުންފުނީގެ އެންމެ ބޮޑު ފަޚުރުކަމަށް ވިދާޅުވެއްޖެއެވެ.

އިންޖިނިއަރުންގެ ދުވަހުގެ ތަހުނިޔާ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚިދުމަތް ކުރައްވާ އެންމެހައި ދިވެހި އިންޖިނިއަރުންނަށް އަރިސް ކުރައްވަމުން، އެމްޑީ އަޒްވަރު ވަނީ ޚާއްޞަ ގޮތެއްގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މި ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރަށްވާފައެވެ.

އަޒްވަރު ވިދާޅުވީ، އިންޖިނިއަރިންގ ދާއިރާއަކީ ކޮންމެ ޤައުމެއްގެވެސް ތަރައްޤީއާއި ތަހުޒީބުގެ މައިބަދަ ކަމަށެވެ އަދި ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ އެ ކުންފުނީގައި ތިއްބެވި ޤާބިލު، ސައްތައިންސައްތަ ދިވެހި ހުނަރުވެރި އިންޖިނިއަރުންގެ ޓީމު ކަމަށް އަޒްވަރު ވިދާޅުވިއެވެ. އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ހޯދައިގެން ތިބި ގިނަ ޢަދަދެއްގެ ދިވެހި އިންޖިނިއަރުން ޚިދުމަތުގައި ސާބިތުވެ ތިބުމަކީ ލިބޭ މަތިވެރި ޝަރަފެއް ކަމަށާއި، ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ފޯރުކޮށްދެވެނީ މި ހުނަރުވެރި ޓީމުގެ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މާޒީގައި ވަސީލަތްތައް މަދު، އިންޖިނިއަރިންގ ކިޔެވުން ދަތި ދުވަސްވަރު އެތައް ގޮންޖެހުންތަކަކާއެކު ތަޢުލީމު ޙާޞިލުކުރައްވައިގެން ކުންފުނީގެ ބިންގާ އެޅުއްވި އިސް ރަން އިންޖިނިއަރުންގެ ޚިދުމަތްތައް އަޒްވަރު ހަނދާން އައުކުރެއްވިއެވެ. އެގޮތުން މިހާރު ޚިދުމަތުގައި ތިއްބެވި ބޭފުޅުންނާއި، ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަން ކުރަށްވައި، ވަކިވެދިޔަ ޚިދުމަތްތެރިންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ދުޢާ ދެންނެވިއެވެ.

ސްޓެލްކޯއިން އަބަދުވެސް މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އިސްކަންދޭކަން ފާހަގަކުރަށްވަމުން، ޔޫރަޕްގެ ޤައުމުތަކާއި ދުނިޔޭގެ މަޝްހޫރު އިންޖިނިއަރިންގ ކުންފުނިތަކުން ތަމްރީނު ހޯދައިދެމުންދާ ކަމަށް އަޒްވަރު ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުން 2024 ވަނަ އަހަރު 535 ފުރުޞަތު އަދި 2025 ވަނަ އަހަރު 947 ފުރުޞަތު މުވައްޒަފުންނަށް ފަހިކޮށްދެވިފައިވާ ކަމަށާއި، ކުންފުނީގެ ގިނަ އިންޖިނިއަރުންނަކީ ސްޓެލްކޯގެ އަމިއްލަ ފަޚުރުވެރި އުފެއްދުންތަކެއް ކަމުގައި ބަޔާންކުރެއްވިއެވެ.

ޒުވާން ޖީލަށް މެސެޖެއް ދެއްވަމުން އަޒްވަރު ވިދާޅުވީ، އިންޖިނިއަރިންގ ދާއިރާއަކީ އުފެއްދުންތެރިކަމާއި ކުރިއެރުމުން ފުރިގެންވާ، ޤައުމު ބިނާކުރުމަށްޓަކައި ނުހަނު މުހިންމު ދާއިރާއެއް ކަމަށެވެ. އަދި ސްޓެލްކޯގެ ދޮރުތައް މި ދާއިރާއިން ކުރިއަށްދާން އެދޭ ޒުވާނުންނަށް އަބަދުވެސް ހުޅުވިފައިވާ ކަމަށާއި، އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އަހުލުވެރި، ޤާބިލު ދިވެހި ޖީލެއް ބިނާކުރުން ކަމަށް ވިދާޅުވިއެވެ.

އަޒްވަރުގެ މެސެޖް ނިންމަވާލައްވަމުން ވަނީ، ކޮންމެ ދަތި ވަގުތެއްގައިވެސް އިންޖިނިއަރުން ދައްކުވައިދޭ ސާބިތުކަމަށްޓަކައި އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވައި، ދާއިރާގެ ކުރިއެރުމަށާއި މުވައްޒަފުންގެ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު