ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް (ކޮންގްރެސް) ގައި އިންތިޚާބުކުރާ އެކި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ކުރިއަށްއޮތް އަންގާރަ ދުވަހުން ފެށިގެން ހުޅުވާލުމަށް އެ ޕާޓީން ނިންމައިފިއެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ބާއްވާ މި ކޮންގްރެސް ކުރިއަށްދާނީ ސެޕްޓެންބަރު 15 އިން 18 އަށް ކަމަށެވެ. ޕީއެންސީން ބުނީ ކޮންގްރެސްގެ ތެރޭގައި ޕާޓީގެ އިސް މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން އޮންނާނެ ކަމަށެވެ. އަދި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސެޕްޓެންބަރު 8 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.

އިންތިޚާބުކުރާ މަޤާމުތައް:

6 ނައިބު ރައީސުން

މެންބަރުންގެ މަޖިލީހުގެ 18 މަޤާމު

އަންހެނުންނަށް ޚާއްޞަ 10 މަޤާމު

ޒުވާނުންނަށް ޚާއްޞަ 7 މަޤާމު

އަންހެނުންގެ ޙަރަކާތާއި ޒުވާނުންގެ ޙަރަކާތުގެ ރައީސް، ނައިބުރައީސް، ސެކްރެޓަރީ އަދި ޚަޒާންދާރު

ކޮންމެ މެންބަރަކަށްވެސް ވާދަކުރެވޭނީ އެންމެ މަޤާމަކަށް ކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީން ބުނިގޮތުގައި މި އިންތިޚާބުގައި ވާދަކުރެވޭނީ ޕާޓީގެ ރަސްމީ ދަފްތަރުގައި ހިމެނޭ، ޖިނާއީ ބޮޑުކުށެއްގެ ރެކޯޑެއް ނެތް މެންބަރުންނަށެވެ. އަދި ޒުވާނުންގެ މަޤާމުތަކަށް ކުރިމަތިލެވޭނީ ޢުމުރުން 35 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެޕާޓީގެ ވެބްސައިޓުގައިވާ އިންތިޚާބީ ޕޯޓަލް މެދުވެރިކޮށް، އައިޑީކާޑު ކޮޕީއާއި ޕޮލިސް އަދި ކޯޓުތަކުގެ ކުށުގެ ރެކޯޑު ފޯމާއެކުގައި ކަމަށް ޕީއެންސީން ބުންޏެވެ.

މި އިންތިޚާބުގެ ކެމްޕެއިން ފެށިގެން ކުރިއަށްދާއިރު، އެންމެ ވާދަވެރިކަން ބޮޑީ ނައިބު ރައީސްކަމުގެ މަޤާމުތަކަށެވެ. މި މަޤާމަށް ވަޒީރުންނާއި މެންބަރުން ހިމެނޭހެން ސިޔާސީ އިސް ބޭފުޅުންތަކެއް ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ. އޭގެތެރޭގައި:

މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)

އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު)

އިބްރާހިމް ޝުޖާއު (ބާރަށު ދާއިރާގެ މެމްބަރު)

މުހައްމަދު ހުސައިން ޝަރީފް / މުންދު (ރައީސް އޮފީހުގެ ތަރުޖަމާނު)

އަސްމާ ރަޝީދު (މާފަންނު މެދުދާއިރާގެ މެންބަރު)

ފާތިމަތު ސައުދާ (ނިލަންދޫ ދާއިރާގެ މެންބަރު)

މުހައްމަދު ނިމާލް (އެލްޖީއޭގެ ސީއީއޯ)

ކޮންގްރެސްގައި އިންތިޚާބުކުރާ 6 ނައިބު ރައީސުންގެ އިތުރުން، ޕީއެންސީން ވެރިކަން ކުރާ ދުވަސްވަރެއްނަމަ ޤައުމުގެ ނައިބު ރައީސް އޮޓަމެޓިކުން ޕާޓީގެ ނައިބު ރައީސަކަށް ހަމަޖެހޭނެއެވެ. އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަށްވެސް އޮޓަމެޓިކުން ނައިބު ރައީސްކަމުގެ ގޮނޑި ލިބިވަޑައިގަންނަވާނެކަަމަށް ޕީއެންސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު