ހިމަބިހު ޖެހިފައިވާ މީހެއް-
ހިމަބިހު ޖެހިފައިވާ މީހެއް-
މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިމަބިހި (މީޒަލްސް) ގެ އައު 9 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި، މިއާއެކު މިއަހަރުގެ މިހާތަނަށް ރިޕޯޓްކުރެވުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު 252 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 16،216 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ހިމަބިހިން ރައްކާތެރިވުމަށްޓަކައި އަދިވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަޤީންނުވާ ފަރާތްތަކުން ވެކްސިން ދިނުމަށް ކަނޑައެޅިފައިވާ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ދިމާވެފައިވާ (ކޮންޓެކްޓްވި) ފަރާތްތަކުގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން، ކޮންޓެކްޓުންނަށް ވެކްސިން ދިނުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ލަސްނުކޮށް ވެކްސިން ޖެހުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެ ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ޞިއްޙީ ކަންކަމާ ގުޅޭ މަޢުލޫމާތު ހޯދުމުގައި އެޗްޕީއޭ ފަދަ ރަސްމީ އިދާރާތަކުން ހާމަކުރާ މަޢުލޫމާތަށް އެކަނި އިތުބާރު ކުރުމަށްވެސް އާންމުންނަށް ވަނީ ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު