އެމްއެމްއޭ (ފޮޓޯ: ސޯޝަލް މީޑިއާ)
އެމްއެމްއޭ (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ ޔޫޒަބަލް ރިޒާވް 279 މިލިއަން ޑޮލަރަށް އިތުރުވެއްޖެ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެމްއެމްއޭ އިން މިމަހު އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް 20 ގެ ނިޔަލަށް ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް ހުރީ 122 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު 20 ގެ ނިޔަލަށް ރިޒާވް ވަނީ 279 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރިޒާވްގައި 311 މިލިއަން ޑޮލަރު ހުއްޓެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 695.9 މިލިއަން ޑޮލަރެވެ. މިއީ އޮގަސްޓް މަހުގެ 20 ގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރި 569.6 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 31 ޕަސެންޓުގެ އިތުރުވުމެކެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ބޭރު ފައިސާ ވަންނަ މައިދޮރު އެއްކޮށް ބަންދުވެ، ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގައި 122 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާއިރު އެއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔައީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެ ފަހަރު 110.57 މިލިއަން ޑޮލަރަށް ރިޒާވް ވެއްޓުނެވެ.

ރާއްޖޭގެ ޔޫޒަބަލް ރިޒާވް ދަށްވެފައިވާ އެއް ސަބަބަކީ ފަތުރުވެރިކަން ދަށްވެ ބޭރުފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވުން މަދުވެފައި ވުމެވެ. ރާއްޖޭގެ ޔޫޒަބަލް ރިޒާވް އިތުރުވެފައި މިވަނީ އިންޑިއާ އިން ގަތް ބޮންޑުގެ ފައިސާ ޖަމާވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން