ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ "ޕޮލިސް ފެމިލީ ނައިޓް" އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ.

ފުލުހުން ބުނީ މި ޝޯ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ކަމަށެވެ.

"ޕޮލިސް ފެމިލީ ނައިޓް" މަގުބޫލު ސަގާފީ ނެށުންތެރިޔާ ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދާނެެ ކަަމަށް ފުލުހުން ބުނެއެވެ.

މިއަހަރުގެ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މި ފެމިލީ ނައިޓަކީ، ސަގާފީ ނެށުންތަކާއި، ބޮޑުބެރުގެ އިތުރުން ތަފާތު މުނިފޫހިފިލުވުމުގެ އައިޓަމްތައް ހިމެނޭ ފޯރިގަދަ ރެޔަކަށް ވެގެންދާނެ ކަމަށް ފުލުުހުން ބުންޏެވެ. ސްޓޭޖުމަތީގައި ދައްކުވައިދޭ ފޯރީގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބާރަށު ޝިޔާމަކީ މި ޝޯގެ އެންމެ މުހިންމު އެއް ފަންނާނެވެ.ޝިޔާމަކީ ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން އިންޗާޖެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ ނިމިގެންދިޔަ ބޮޑު ޢީދުގައި އުނގޫފާރުގައި ބޭއްވި ސަގާފީ ޝޯއެއްގައި "ކަލާ ތިހާ ކައިރިން ހުރީމަ ލޯ އެޅޭނެޔޭ" މިލަވަގައި ދައްކާލި ނެށުމުގެ ހުނަރުންނެވެ.

ފުލުހުން ބުނިގޮތުގައި މި ޝޯގައި ބާރަށު ޝިޔާމްގެ އިތުރުން ރާއްޖޭގެ މަޝްހޫރު "ހަބޭސް ބޮޑުބެރު ގްރޫޕް" އަދި "އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ބޮޑުބެރު ގްރޫޕް" ގެ ހިތްގައިމު އަދި ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދާނެއެވެ. މީގެއިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ ހާއްސަ މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް މި ސްޓޭޖުން ފެނިގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



މި ފެމިލީ ނައިޓަކީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ހަރަކާތެވެ. އެގޮތުން، ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި "އެކުވެރިކަމުގެ ހިނގާލުން" ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަވީރު 4:00 އިން 6:00 އަށް އާންމުކޮށް ހުޅުވާލައިގެން ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ އާދީއްތަ ދުވަހުއެވެ.



ފުލުހުން ބުނިގޮތުގައި ފުލުހުންގެ މުވައްޒަފުންގެ ހުނަރުތަކާއި، ސަގާފީ ބޮޑުބެރު އެއްތަންވެގެންދާ މި ފެމިލީ ނައިޓް ވެގެންދާނީ ފުލުހުންގެ ބޮޑު އާއިލާގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށްދޭނެ ވަރަށް ކުލަގަދަ އަދި އުފާވެރި ރެޔަކަށެވެ. މި ނައިޓް ބަލައިލުމުގެ ފުރުސަތު އާންމުނަށްވެސް ވަނީ ހުޅުވާލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު