ފޮޓޯ: ސްޓޭޓް ފާމާ
ފޮޓޯ: ސްޓޭޓް ފާމާ
ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް ހޯދުމަށްޓަކައި ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ޕާކިސްތާނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓޭޓް ފާމާ އިން ބުނީ މިއަދު ސޮއިކުރެވުނު މި އެއްބަސްވުމަކީ އެ ކުންފުނީގެ ބައިނަލްއަޤުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި، ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ސްޓޭޓް ފާމާގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން، މި އާ އެއްބަސްވުމަކީ ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.

ރާއްޖެއަށް ބޭސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ގަނޑުކޮށް އެތެރެކުރުމުގެ މަގްސަދުގައި ސްޓޭޓް ފާމާ އުފައްދާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެންމެ ފުރަތަމަ ބޭސްފިހާރަ ހުޅުވާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު