ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު
ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް، ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

މި މަޤާމަށް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރައްވާފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މި ޢައްޔަންކުރެއްވުން ކުރިއަށް ގެންދަވާފައިވަނީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ނަންފުޅު ފޮނުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމާ ގުޅިގެންނެވެ.

އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ ދައުލަތުގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 2014 އިން 2019 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު އެންމެ ފުރަތަމަ ފުރުއްވީވެސް އެމަނިކުފާނެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް އެތައް މަޤާމުތަކެއް އަދާކުރައްވާފައިވާ ޢަބްދުލްޢަޒީޒް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރޒްގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް މިއަދު ޢައްޔަނުކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު