ކްރިމިނަކް ކޯޓު-
ކްރިމިނަކް ކޯޓު-
ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ސައިޓަކަށް ހުއްދަނެތި ވަދެ، އެ ތަނުގައި ހުރި ކަރަންޓު ނަރު ރޯލުތަކެއް ވަގަށް ނަގަން އުޅުނު މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ، އޭނާ ދެ މަހާއި 21 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ޖަލު ހުކުމް އިއްވާފައިވަނީ ޅ. ހިންނަވަރު، ހަވާސާ، ޢަލީ ޙަސީންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ "އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ" އާއި "އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ" އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ސައިޓެއްގެ ފެންސް ކަނޑައިގެންނެވެ. އަދި އެތަނުގެ ސެކިއުރިޓީއަށް ނޭނގި ވަދެ، އެ ސައިޓުގައި ހުރި ކަރަންޓު ނަރު ރޯލުތަކެއް ވަގަށް ނަގައިގެން ގެންދަން އުޅެނިކޮށް އޭނާ ވަނީ އަތުލައިގެންފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޢަލީ ޙަސީން ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަށް ވެސް އިއުތިރާފުވެފައެވެ. އޭނާ އިއުތިރާފުވީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީ، މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ މައްޗަށް ދެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، އަދަބު ކަނޑައެޅުމުގައި ޤާނޫނުގައިވާ ގޮތުގެ މަތިން އަދަބުގެ ދަރަޖަ ވަނީ ދަށްކޮށްދީފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަށް 27 ދުވަހުގެ ޖަލު ހުކުމެއް އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މި ދެ ދައުވާއަށް ކަނޑައެޅުނު އަދަބާއެކު، ޢަލީ ޙަސީން ތަންފީޒު ކުރަންޖެހޭނީ ޖުމްލަ ދެ މަހާއި 21 ދުވަހުގެ ޖަލު އަދަބެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް