މުސާރައިގެ ގޮތުގައި މަހަކު 60،000ރ. ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭގޮތް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު ދިނުން އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމަވާފައިވާ ކަމަށެވެ.

މިހާރު އޮންނަ އުސޫލުން އެންމެ މުއްސަނދި ފަރާތްތަކަށާއި އާދައިގެ މީހުންނަށްވެސް އެއްވެސް ތަފާތެއް ނެތި އާސަންދަ ލިބެމުންދިޔަ ނަމަވެސް، އެއީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ފަންނީ މާހިރުން ގަބޫލުކުރައްވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ކުރިއަށް އޮތް ތަނުގައި 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މީހުން އާސަންދަ ބޭނުންކުރާނީ "ކޯ-ޕޭ" ނުވަތަ "ޕްރީ-ޕޭ" ނިޒާމެއްގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޚަރަދު ކުޑަކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށާއި، މި ބަދަލުގެ ސަބަބުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް އެ ފައިސާ ޚަރަދުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"60،000 ރުފިޔާއިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކުން ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެ. އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގެ އެހެންކަންކަމަށް ޚަރަދުކުރަން ލިބޭނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް